"އެމްޑީއެން އުވާލަން ރައްޔިތުން ގޮވާލުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޖަމިއްޔާ އުވާލަން ނިންމެވުމުންވެސް އެމްޑީއެން ދިފާޢުކުރައްވައި ވަކާލާތު ކުރައްވާ ބޭފުޅަކާއިމެދު ރައްޔިތުން ސަމާލުވެ ތިއްބެވުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން އިލްތިމާސްކުރައްވައިފިއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ މުސްލިމުންނަކީ އިސްލާމް ދީނާއި ޚިލާފް ފަލްސަފާ ފަތުރާ މީހަކަށް ތާއީދުކުރާނެ ބައެއް ނޫން ކަމަށެވެ. ޚާޢްޞަކޮށް ފައުޅުގައި މިފަދަ ވާހަކަތައް ދައްކައި މީސްތަކުންގެ ވިސްނުން ބަދަލުކުރުވަން މަސައްކަތްކުރާ ފަރާތްތަކާއިމެދު ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ.
މި ބަސްފުޅާއިއެކު ޝައިޚް އިލްޔާސް ބަޔާން ކުރައްވަވާފައިވަނީ ތައުބާ ސޫރަތުގެ 23 ވަނަ އާޔަތެވެ.
" އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ މައިންބަފައިންނާއި، އެއްބަނޑުއެއްބަފާ މީހުން (ވިޔަސް) އެއުރެން އީމާން ކަމަށްވުރެ ބޮޑަށް، ކާފިރު ކަމަށް ލޯބިކުރާނަމަ، އެއީ ތިއަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައި ނުހިފާށެވެ! އަދި އެއުރެންނަކީ، އެހީތެރި އެކުވެރިން ކަމުގައި، ތިއަބައިމީހުންގެ ތެރެއިން ބަލާމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ، އަނިޔާވެރިންނެވެ." (ތައުބާ: 23)