މާފުށީގަ ފެންހިންދަން ސަރުކާރުގެ އެހީ ނުލިބުމުން އާޗާ އާދިލް އަމިއްލަ ޚަރަދުގަ އެމަސައްކަތް ފަށައިފި!

ކިޔުމަށް ހޭދަވާނީ 1މ 45ސ
މާފުށީގަ ފެންހިންދަން ސަރުކާރުގެ އެހީ ނުލިބުމުން އާޗާ އާދިލް އަމިއްލަ ޚަރަދުގަ އެމަސައްކަތް ފަށައިފި!

ގެސްޓް ހައުސް ވިޔަފާރީގައި އެންމެ ކުރިއަރާފައިވާ ކ. މާފުށީގައި ފެން ހިނަދަން ކުރަން ޖެހޭ މަސައްކަތް ކުރަން ސަރުކާރުގެ އެހީތެރިކަން ނުލިބުމުން، އެރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މުޙައްމަދު އާދިލް (އާޗާ އާދިލް) އަމިއްލަ ޚަރަދުގައި އެމަސައްކަތް ފައްޓަވައިފިއެވެ.

އާޗާ އާދިލް އިސްނަގައިގެން ފެށި މިމަސައްކަތުގައި އެރަށުގެ ބައެއް ފަރާތްތަކާއި ރަށު ކައުންސިލުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، އާޗާ އާދިލް އަކީ މާފުށީގައި ފިާހރަތަކުގެ ވިޔަފާރިއާއި، ގެސްޓްހައުސް ވިޔަފާރީގެ އިތުރުން ފެރީގެ ޚިދުމަތް ވެސް ދެމުންގެންދާ "މާފުށީގެ ދަރިއެއް" ކަމަށެވެ.

"އާޗާ އާދިލް އާއި ކައުންސިލުން ގުޅިގެން މިމަސައްކަތް ކުރިއަށް މިގެންދަނީ. އާދިލް ޚަރަދު ކުރަނީ. މިހާރު ބަނދަރުމަތީގެ މަސައްކަތް ފަށައިގެން މިއުޅެނީ. މީގެ އިތުރުން މަގުތައް ވެސް ލެވެލް ކުރުމާއި ފެންހިންދަން ކާނުގަނޑުގެ މަސައްކަތް ކުރުން ވެސް އެބައޮތް" އުސްްމާން ވިދާޅުވިއެވެ.

އުސްްމާން ވިދާޅުވި ގޮތުގައި މިމަސައްކަތް ފެށިގެން އުޅޭތާ މިހާރު ހަފްތާއެއްހާ ދުވަސް ވެދާނެއެވެ. އަދި އެރަށުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންވެސް މިމަސައްކަތުގައި ބައިވެރިވެފައިވާކަން އުސްމާން ފާހަގަ ކުރެއްވިއެވެ.

ކުރިއަށް އޮތީ ޓޫރިސްޓް ސީޒަންގެ އެންމެ މުހިންމު ދުވަސްތައް ކަމަށްވުމުން މޫސުމީ ވާރެއިން ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން މިހާރުން މިހާރަށްވެސް ކުރަން ޖެހިފައިވާ މަސައްކަތެއްކަން މާފުށީގެ ރައްޔިތުން ފާހަގަ ކުރައްވާފައިވެއެވެ.

 

** "މާފުށީގަ ފެންހިންދަން ސަރުކާރުގެ އެހީ ނުލިބުމުން އާދިލް ސަލީމް އަމިއްލަ ޚަރަދުގަ މަސައްކަތް ފަށައިފި!" މިސުރުޙީގެ ދަށުން 'މިއަދުނޫހުގައި' ޚަބަރު ލިޔެވުނީ އެރި ކުޑަ އޮޅުމެއްގެ ސަބަބުންނެވެ. އެކަމަށްޓަކައި އާދިލް ސަލީމް، އާޗާ އާދިލް، މާފުށީގެ ރައްޔިތުންނާއި އެހެން ކިޔުންތެރިންގެ ކިބައިން ވެސް މިއަދުނޫހުގެ ފަރާތުން ނިހާޔަތައް މާފަށް އެދެމެވެ. އަދި މައުލޫމާތު ސާފު ކޮށްދެއްވި ކަމަށްޓަކައި ޝުކުރުވެސް އަދާ ކުރަމެވެ!**

 

މިއަދު އޮންލައިން