އައްޑޫ ސިޓީ އާއި ހުވަދޫ އަތޮޅު އަދި ލ. އަތޮޅު، މާދަމާއިން ފެށިގެން ވައިގެ ދަތުރުތަކުން ގުޅާލަން ނިންމައިފިއެވެ.
ދެކުނުގެ މިތިން އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވެސް މިދިޔަ ބުރާސްފަތި ދުވަހު ހިއްސާކުރައްވާފައި ވަނިކޮށް، މޯލްޑިވިއަނުން ބުނީ ދަތުރުތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް މިއަދު ވިދާޅުވީ، އައްޑޫ އާއި ހުވަދޫއާއި ދެމެދު ހަފްތާއަކު ހަ ދުވަހު ޝެޑިއުލް ދަތުރުތައް ބާއްވަން ނިންމާފައިވާ ކަމަށާއި އެއީ ކާޑެއްދޫ އެއާޕޯޓުން ތިނެއް، އަދި ކޫއްޑޫ އެއާޕޯޓުން ތިން ދަތުރު ކަމަށެވެ.
މީގެއިތުރުން ލ. އަތޮޅާއި އައްޑޫ ގަން އެއާޕޯޓާއި ދެމެދު ހަފްތާއަކު އެއް ދަތުރު މާދަމާއިން ފެށިގެން ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
މިއީ އައްޑޫ އާއި ލ. އަތޮޅާއި ދެމެދު ދަތުރުތައް ބައްވާ ފުރަތަމަ ފަހަރެވެ.