ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މެލޭޝިއާގެ ޔުނިވަރސިޓީ ސުލްތާން ޒައިނަލް އަބީދީން އާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ދެމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. ވަކިން ޚާއްސަކޮށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިންނާއި އިސްލާމިކް ޓުއަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން ދިރާސީ ކަންތައްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ތައުލީމާއި ތަމްރީނާއި ބެހޭ ގިނަ ދާއިރާތަކުން އެއްބާރުލުންދިނުމަށް މި އެއްބަސްވުމުގައި ވެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި ޔުނިވަރސިޓީ ސުލްތާން ޒައިނަލް އަބީދީންގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ޑރ. ހަސަން ބަސްރީ ބިން އަވަންގް މަޓް ދަހަން އެވެ.
އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިން އާއި ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓް ޓީމް ބައިވެރިވެވަޑައިގެންނެވިއެވެ.