އިސްލާމް ދީނާއި ދެކޮޅަށް ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ކުރަންހުރި މަސައްކަތުގައި ކުރަން ހުރި ގިނަގުނަ ކަންކަން ކުރުމުގައި ކުރިއަށް ދާއިރު، ކުރިމަތީގައި އޮތް ރާސްތާގައި ގިރާކުރަން ހުރި ބޮޑެތި ހުރަސްތަކާއި، އިމެއް ނެތް އަނިދިރި ނުފޫޒުތަކާއި ކުރިމަތިލުމުގައި މާތް ﷲ ގެ ޙަޟްރަތުން ކެތްތެރިކަމާއި ޘާބިތުކަން ހޯއްދެވުން މަތީ ތާއަބަދު ތިއްބެވުމަށް ޢިލްމުވެރިންގެ ގުޅުމުން ވަޞިއްޔަތްކޮށްފިއެވެ.
ޢިލްމުވެރިންގެ ގުޅުމުން މިއަދު ނެރުނު ބަޔާނުން:
ދެންފަހެ، މުޅި ދިވެހި ރާއްޖޭގެ އެކިއެކި ވިސްނުމާއި ފިކުރުތަކުގެ ރައްޔިތުންގެ މިންނެތް މަސައްކަތާއި ކެތްތެރިކަމާއެކު އެބޭފުޅުންގެ ލަނޑުދަނޑިތައް ޙާޞިލްކުރެއްވުމަށް ޓަކައި އެއްބައިވަންތަކަމާއި އެކަތިގަނޑެއްގެ ގޮތުގައި ދެގޮތެއް ނުވެ އިޚްލާޞްތެރިކަންމަތީ އެތައް ދުވަހެއް ވަންދެން ފައިތިލަ ޘާބިތު ކުރައްވައިގެން ތިއްބެވުމުގެ ނަތީޖާއެއްގެ ގޮތުން، އެމް.ޑީ.އެން އުވާލަން ނިންމަވައި، އެކަމަށް ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ދީފައިވާ ސާޅީސް ފަސް ދުވަހުގެ މުހުލަތު މިއަދަށް ހަމަވެ އެމް.ޑީ.އެން މުޅިން އުވާލިކަން ކަމާބެހޭ ފަރާތުން އިޢުލާނުކުރައްވާފައެވެ. ފަހެ މިއީ، ދިވެހި ރައްޔިތުން އިސްލާމް ދީނުގެ ޙިމާޔަތުގައި މިއަދު ކުރަންޖެހިފައިމިވާ ޖިހާދުގެ އެންމެ ފުރަތަމަ ހަރުފަތް މާތް ރަސްކަލާނގެ ރަޙުމަތްފުޅުން ގިރާކުރެވިއްޖެ ކަމުގެ ސިގުނަލެއް ކަމުގައި ވިޔަސް، އިތުރަށް ކުރަން ޖެހޭ ނުހަނު ބުރަ އަދި ގިނަ މަސައްކަތްތައް ފުރިހަމަ ކުރުން ކުރިއަށް އަދި އޮތީ ކަމުގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ފަރުދެއް ހަނދާން ނައްތާލައިގެން ނުވާނެއެވެ.
އަދި މާތް ﷲ އަށް ޝުކުރު ދަންނަވާ ޙާލު، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނާއި، ކަމާއިބެހޭ ފަރާތްތަކާއި، އެންމެހާ އިވެންޓުތައް އިންތިޒާމު ކުރައްވައި އަދި އެކަންކަމަށް އެހީތެރިވެދެއްވާ ޢާންމު ރައްޔިތުންނާއި، ދީނީ ޖަމްޢިއްޔާތަކާއި، ޢިލްމީ އަދި ޢަމަލީ ފަންނުވެރިންނާއި، އިޖުތިމާޢީ މުއައްސަސާތަކާއި، މީޑިއާތަކާއި، ކުލަބުތަކާއި، ސިޔާސީ އެކިއެކި މަޤާމުތަކުގައި ތިއްބެވި ވަފާތެރި ފަރާތްތަކާއި، އަދި އެނޫން އެންމެހާ ބޭފުޅުންނަށް ވެސް މިފުރުޞަތުގައި ޝުކުރު އަދާކުރަމެވެ.
މާތް ﷲ އަޅުގަނޑުމެން އެންމެނަށް އިޚްލާޞްތެރިކަން ދެއްވައި މަސައްކަތުގައި ބަރަކާތް ލައްވައި ނަޞްރު ދެއްވާށި. އާމީން!