ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދައި ދިނުމުގެ ހުއްދައަކަށް އެސްޖޭ ކޮންސްތްރަކްޝަނުން އިސްލާމިކް މިނިސްޓްރީ ގައި އެދިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން އެސްޖޭ ކޮންސްޓްރަކްޗަން ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ޒިކުރާ މިސްކިތް ހިމެނޭ ސަރަޙައްދުގައި ދިރިއުޅެ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން އެތަނުގައި ވަގުތީ މިސްކިތެއް އެކުންފުނީގެ އަމިއްލަ ޚަރަދުގައި އަޅަން އިސްލާމިކް މިނިސްޓްރީގައި އެދިފައިވާނެ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތް ފަށައި 90 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ގްރައުންޑްފްލޯ އެކަނި ހިމެނޭ ގޮތަށް ހަދާ މިވަގުތީ މިސްކިތުގައި އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
ޒިކްރާ މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް ހަދައި ދޭން އެކުންފުނިން އެދިފައިވާއިރު، އެތަނުގައި 10 ބުރީގެ މިސްކިތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ އެކު ހެދި 130 މިލިއަން ރުފިޔާގެ އެއްބަސްވުން މި ސަރުކާރުން އުވާލައި އަދި ގެއްލުމުގެ ބަދަލު ހޯދަން ކޯޓުން ބޭރުގައި ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
"ދާރުލް ޒިކްރާ" ގެ ނަމުގައި އެސްޖޭ ކުންފުންޏާއި ކުރީ ސަރުކާރުން މަސައްކަތް ހަވާލުކުރީ ޤާނޫނާއި ޚިލާފަށް ކަމަށް މިސަރުކާރުން ވަނީ ބުނެފައެވެ. މަސައްކަތް ހަވާލު ކުރި ފަހުން އެއްވެސް މަސައްކަތެއް އެތަނުގައި ކޮށްފައި ނެތް ނަމަވެސް އެކުންފުނިން ވަނީ 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ސިވިލް ކޯޓުގައި މައްސަލަ ޖައްސާފައެވެ.
ދައުލަތުން އެދިގެން އެމައްސަލަ ކޯޓުން ބޭރުގައި އަންނަނީ މަޝްވަރާ ކުރަމުންނެވެ.