ހުޅުމާލޭގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރުމުން ކުށަށް އިއުތިރާފުވީ ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ކަން ހާމަ ވެއްޖެއެވެ.
މިކަން ހާމަވީ ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިން ނެރުއްވި ކޯޓު އަމުރުންނެވެ.
މި ކޯޓުއްމުރުގައި ވަނީ މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެ، ކަން ހިނގި ގޮތް އަދުހަމް ކިޔައިދީފައިވާ ކަމަށާއި އޭނާ ގާސިމް މަރާލި ކަމަށް އިއުތިރާފުގެ ބަޔާން ލިޔެ ސޮއިވެސް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ކުރި ކުށުގެ ބާވަތުން ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެތީވެ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
މިދިޔަ ހުކުރު ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު ހައްޔަރު ކުރީ ގާސިމްގެ ގާތިލު ކަމަށާއި އެކަމަށް އޭނާ އިއުތިރާފުވެ، އޭނާ ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައިވާ ކަމަށެވެ.
ޑްރައިވަރު ގާސިމް ގަތުލު ކޮށްލި ވަގުތު އަދުހަމް މުހައްމަދު ލައިގެން ހުރި ފޭރާން ވެސް ގާސިމް މަރާލި ސަރަހައްދުގެ ކައިރި ހިއްސާބެއްގައި ފޮރުވާފައި އޮއްވާ ފުލުހުން ވަނީ ހޯދާފައެވެ.