ވައްކަން ކުރުމުން އަތްކަނޑަން ނުވަތަ އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްދު ޤާއިމުކުރަން ދީނީ ޢިލްމުވެރިއަކު ވިދާޅުވެއްޖެ ނަމަ އެކަން ހަދަނީ ހަރުކަށި ފިކުރަށެވެ. އެމީހަކީ ހައްދުފަހަނައަޅާފައިވާ މީހަކަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި އެފަދަ ޝުޢޫރުތައް ފައުޅުކުރުމުން އެކަން މިވަނީ އޯގާތެރި ފިކުރަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަދުލުއިންޞާފާއިބެހޭ އިސް މެންބަރަކު މިއަދުވެސް އެތައް ފަހަރެއްގެ މަތިން ވަނީ ދީނީ ޢިލްމުވެރިންނާއި ޒާތީ ގޮތުން ދިމާކޮށްފައެވެ. ތަފާތު ގޮތްގޮތަށް ބަސްތައް އަމުނައި ދީނީ ޢިލްމުވެރިން ދައްކަވާ ވާހަކަފުޅު ޤަބޫލުކުރަންވެސް ނުވާނެކަން ހާމަކޮށްފައެވެ.
ދީނީ ޢިލްމުވެރިންނާއި މިހައި ވަރަށް މަޖިލިސް މެންބަރުން ދިމާކުރި ދައުރެއް އަދި މިހައިތަނަށް ފެނިފައިނުވާކަން ގިނަ ބައަކު ފާހަގަކުރެއެވެ. އަދި ކުރަން މިއުޅެނީ ކޮންކަމެއް ކަމާއިމެދުވެސް ދަނީ ސުވާލު އުފައްދަމުންނެވެ. މިހިންގާ ކަންކަމަކީ ޤާނޫނު އަސާސީއަށް ކިހައިވަރެއްގެ ބަދަލެއް ގެނެސް އިސްލާމް ދީން ބާކީކޮށްލަން ކުރާ ކަންކަން ކަމާއިމެދުވެސް ދަނީ ސުވާލު އުފައްދަމުންނެވެ.