ކާރު، ޕިކަޕް ފަދަ ވެހިކަލްތައް ޕާކުކުރަން ބޭނުންވުމުން ކުރިން ޕާކުކޮށްފައި ހުންނަ ސައިކަލްތައް ނަގައި އެބަ ދުރަށް ޖައްސައެވެ. އެމީހާގެ ބޭނުން ފުދުމުން ހުރިހާ ކަމެއް ނިމުނީ ކަމަށް ބަލައިގެންފައިވާ އުޞޫލުން މިފަދަ ކަންކަން ޑްރައިވަރުން ކުރުމުގެ ތެރޭގައި ސައިކަލް ނަގައި ޒޯނުން ބޭރުވެސް އެބަކުރެއެވެ.
މިފަދަ ގޮތްތައް މެދުވެރިވުމުން ޓްރެފިކް ފުލުހުން ސްޓިކަރ ޖަހަނީ ސައިކަލުގައެވެ. ހިތާމައަކީ ސްޓިކަރ ޖަހައިގެން އެތައް ސަތޭކަ މިލިއަނުން ދައުލަތަށް ފައިސާ ލިބެމުންދާއިރުވެސް ސައިކަލްތައް އުފުލައި ދުރަށްޖައްސާ މީހުންގެ އަމަލުތައް ސީސީޓީވީ އަށް ވީޑިއޯ ކުރެވޭނެ އިންތިޒާމެއް މިއަދާއި ހަމައަށްވެސް ނެތުމެވެ.
ސައިކަލް ދުރަށް ޖެއްސީމަ ސްޓިކަރ ޖެހުމުން ހުރިހާ ގެއްލުމެއް ސައިކަލް ދުއްވާ މީހާއަށް ލިބެމުންދާއިރު ސައިކަލްތައް ދުރަށް ޖައްސާ މީހުން އެކަމަށް ވިސްނައި އެހީތެރިވާން އެބަޖެއެވެ. ތިމާ ކުރާ އަމަލުގެ ސަބަބުން އަނެކާއަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަން ތިމާއަށް ޖެހޭނެ ދުވަސް ކުރިއަށް އެބައޮތްކަމާއިމެދު ވިސްނުން ރަނގަޅެވެ.
ސްޓިކަރ ޖެހުމުން ކުރާ ޖުރުމަނާ އެއްފަހަރުން އަނެއް ފަހަރަށް އިތުރުވަމުން އަންނައިރު އެއީ މިކަމުގައި އިތުރަށް ސަމާލުކަން ދޭން ޖެހޭނެ ސަބަބެކެވެ. ވީމާ ތިމާގެ ސަބަބުން އަނެކާއަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ވިސްނައިގެން އަމަލުތައް ކުރުމަކީ އާޚިރަތް ދުވަހަށްޓަކައިވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ވީމާ މިފަދަ ކަންކަމުގައި ހޭލުންތެރިކަން އިތުރުކޮށް މައްސަލަތައް ހައްލުކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަން އެންމެންވެސް ޤަބޫލުކުރަމާތޯއެވެ!
