ހަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. މުޙައްމަދު އާދިލް ރަޝީދު އަވަހާރަވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޑރ. އާދިލް އަވަހާރަވީ މިރޭ 21:00 ހާއިރު ކޮލޮމްބޯ ގައި ހުންނަ ލަންކާ ހޮސްޕިޓަލުގައެވެ. އަވަހާރަވީ، ސިކުނޑީގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޑރ. އާދިލް އަކީ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް އަބޫބަކްރު ޢަލީ އަށް ބޮޑުބޭބެ ކިޔާ މީހެކެވެ.
ގިނަ މީހުން ޑރ. އާދިލް ފާހަގަ ކޮށްފައިވަނީ، އަބަދުވެސް ނުހަނު އޯގާތެރިކަމާއި އެކީ އެންމެންނާއި ވެސް މުޙާތަބުކުރާ، ޙުލްޤުހެޔޮ ރިވެތި އާދަކާދަ ގެންގުޅުއްވި ބޭފުޅެއް ގޮތުގައެވެ. އައިޖީއެމްއެޗް ގައި ވެސް މަސައްކަތް ކުރެއްވި ޑރ. އާދިލް އަކީ ގިނަ ބައެއްގެ ލޯތްބާއި އިޚްތިރާމް ވެސް ލިބިވަޑައިގެންނެވި ޑޮކްޓަރެކެވެ.
މާތް ﷲ އެމަރްޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ވެސް ދެއްވާށި. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ