މިދިޔަ ބުދަ ދުވަހު ކުއްލި ގޮތަކަށް ނިޔާވި ވާމިލިއަންގެ ރިޒަވޭޝަންސް މެނޭޖަރ ހަނާ އަބްދުއްސައްތާރުގެ މުސާރަ، އޭނާގެ ދަރިފުޅަށް ދޭގޮތަށް އެކުންފުނިން ނިންމައިފިއެވެ.
ހަނާ ނިޔާވީ، މިދިޔަ އާދީއްތަ ދުވަހު ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ނިޔާވިއިރު އޭނާގެ ފިރިއަކާއި އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު ހުރެއެވެ.
ވާމިލިއަންގައި 13 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ހަނާގެ މުސާރައާއި އެހެނިހެން އިނާޔަތްތައް އޭނާގެ ދަރިފުޅަށް ދޭން ނިންމީ، އެކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެނެވެ. އެއީ މަހަކު 16،000 ރުފިޔާއެވެ.
ޤައުމީ ފުތްބޯޅަ ޓީމުގެ ކުރީގެ ޑިފެންޑަރ އަލީ ޝާހީންގެ ވާމިލިއަން އިން މިފަދައިން ނިންމީ، އެކުންފުންޏަށް ހަނާ ކޮށްދީފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުގައި ކަމަށް ވާމިލިއަންގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ޙުސެއިން ޝާޙު އެހެން މީޑިއާތަކަށް މައުލޫމާތު ދެއްވާ ވިދާޅުވެފައިވެއެވެ.
ހަނާގެ ދަރިފުޅު ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިއަށްދާން މަތީ ތައުލީމް ހާސިލު ކުރުމުގެ ފުރުސަތުވެސް އެކުންފުނީގެ ޚަރަދުގައި ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވާމިލިއަން އިން އަންނަނީ ދ. އަތޮޅުގައި "އާވީ"ގެ ނަމުގައި ރިސޯޓެއް ވެސް ހިންގަމުންނެވެ. އޭގެ އިތުރުން ޓޫރިޒަމްގެ ދާއިރާގެ އެހެން ހިދުމަތްތަކުގައި ވެސް ވާމިލިއަން ހަރަކާތްތެރިވެ އެވެ.