ހުޅުމާލޭ ހޮސްޕިޓަލުން ލިބެން ނެތް ޚިދުމަތެއް ހޯދަން އޭނާ އައީ އައިޖީއެމްއެޗަށެވެ. ޑޮކްޓަރު ވިދާޅުވި ގޮތަށް ކަންކަން ކުރުމަށްފަހު މިއަދަކީ ލޭގެ ޓެސްޓް ހަދަން އޮތް ދުވަހެވެ. އެ ޓެސްޓް ހަދަން އައިޖީއެމްއެޗުން ދިން ސްލިޕްކޮޅު ކައުންޓަރަށް ދެއްކުނީ އެކަމަށް ނަމްބަރެއް ނަގައިގެނެނެވެ.
ނަމަބަރު ޖެހުމުން ބުނީ ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ބޭނުންކުރަނީ "ވިނަވި، ހިނަވި" ފަދަ ކޮންމެ ވެސް ނަމެއް ކިޔާ ޕްރޮގްރާމެއް ކަމަށާއި އައިޖީއެމްއެޗުން އެ ޕްރޮގްރާމް އަދި ބޭނުން ނުކުރާތީ ހަދަން ޖެހޭ ޓެސްޓް އެ ޕްރޮގްރާމަށް ވެއްދުމަށް ހުޅުމާލޭ ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކަން ޖެހޭނެ ކަމަށެވެ.
އެހެން ބުނެފައި ސްލިޕްކޮޅެއް ދިނުމުން ބަލައިލިއިރު އޮތީ އާސަންދަ އެކައުންޓުން 100 ރުފިޔާ ކަނޑައިފައެވެ. މިފަހަރު މިކެނޑީ ބަލި މީހަކު ބަލާކަށް ނޫނެވެ. ކޮމްޕިޔުޓަރުން ޓެސްޓް ޕްރޮގްރާމަށް ވައްދައިލުމަށެވެ. މިފަދަ ސްލިޕްތައް ބަރިބަރިއަށް ހެދެމުންދާއިރު ހުސްނުވާ އާސަންދައެއް ކަމަކީ ބަޖެޓު ހުސްނުވެއެއް ނުދާނެނޫންތޯއެވެ!
ކޮންމެއަކަސް އެ މެމޯ ހިފައިގެން ގޮސް ކިޔޫގައި އިނދެގެން ޑޮކްޓަރަށް ދައްކައިގެން މެމޯ ހިފައިގެން ލެބޯޓްރީއަށް ދާން މެމޯ ހައްދަން ބަލައިލިއިރު ޚިދުމަތްދޭ 3 ކުދިން އެކުގައި ވީ ސައިބޯން ގޮހެވެ. ކައުންޓަރުގެ 2 ކަނުގައި ހުރި 2 ގޮނޑީގައި 2 ކުދިން ތިއްބެވެ. މެދަށް ހުރި 3 ގޮނޑި ވީ ސައިބޯން ގޮހެވެ.
ކޮންމެއަކަސް ނަމްބަރެއް ނަގާފައި ބަލައިލިއިރު 6 ނަމްބަރު ފަހަތެވެ. 8 ޖެހިއިރު ޑިޔުޓީއަށް ނުކުތް ކުދިން 8.30 ވިއިރު ބަނޑުހައިވެ ހާންތިވެގެން ސައިބޯން ދިއުމުން ދެން ކުރެވޭނީ ވެސް ކޮން ކަމެއްތޯއެވެ؟ ލޭ ދޭން ޖެހޭ މީހާ ޓެސްޓް ހަދަން ފާސްޓިންގގަ ހުންނަން ބުނުމުން އެއްޗެއް ނުކައި ހުންނަތާ އެއިރު 13 ގަޑިއިރުވެ 14 ގަޑިއިރަށް ފެށުނީއެވެ. އިންސާނަކަށް ވީތީ އޭނާއަށް ވެސް ގޮތްތަކެއް ވެއެވެ. ބަނޑަށް އުނބދަގޫތަކެއްވެއެވެ.
ކައުންޓަރުގައި ތިބިކުދިން ގާތު އެވާހަކަ ބުނެ އާދޭސްކޮށް ސަލާން ޖަހައި މިތަނުގެ ވެރިއަކާ ބައްދަލުވެދާނެތޯ ބުނެ އާދޭސްކުރުމުން އެތެރެއިން ނުކުތީ ވަރަށް ރީތި، ވިދަވިދާހުރި ގޯލްޑް ކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އަންހެނެކެވެ. އޭނާ ބުނީ އެކުދިން އަންނަން ދެން މަޑުކޮށްލުމަށެވެ. އެހެންކަމުން ބެލެވެނީ އޭނާގެ ބުރުގާގެ ކުލަ ބަލި މީހާއަށް ފެނުމުން އެކުދިން އަންނަންދެން ބަލިމީހާގެ ބަނޑަށް އުނދަގޫ ނުވާނެ ކަމަށް އޭނާއަށް ޤަބޫލުކުރެވިފައި އޮތީ ކަމަށެވެ.
ކޮންމެއަކަސް އެގޮތަށް ނުވިކަމަކަމަށާއި ވޭން އެޅުން އިތުރުވަނީ ކަމަށް ބުނެ ރޮއި އާދޭސް ކުރަނިކޮށް އެބޭފުޅާ ވަޑައިގަތީ ޖެހިގެން ހުރި ބައަކަށެވެ. އެއީ ޢާންމުންނަށް ނުވަދެވޭ ބައެކެވެ. އެހެންކަމާއިއެކުވެސް ދޮރުހުޅުވައި އާދޭސްކުރަން ފެށުމުން އެހެން ކުލައެއްގެ ބުރުގާ އެއް އަޅައި ހުރި އަންހެނަކު އައިސް ކޮންމެވެސް ގޮތަކުން މައްސަލަ ހައްލުކޮށްދިނެވެ.
މިލިޔުމުގައި ބުރުގާގެ ކުލައިގެ ވާހަކަ މިވަރަށް ހާމަކުރަންޖެހުނީ ބައެއް އަންހެނުންނަށް ހީވަނީ އެމީހުން ވަކިކުލައަކުން ބުރުގާއަޅައި ހެދުން ލުމުން އެމީހުން ދޭން ޖެހޭ ޚިދުމަތް ނުދިން ނަމަވެސް ޒިންމާ ނުއުފުލި ނަމަވެސް ހުރިހާ ކަމެއް ހުންނާނީ ހަމަ ބަރާބަރަށް ކަމަށެވެ. ވީމާ މިއަދުވެސް އެކަން އެހެން ނުވިކަމާއި ގޭސް އެރުވުން ކުޑަނުވިކަން މިހާމަކުރީ ރައްޔިތުންގެ ފައިސާއިން ބިލިއަނުން ޚަރަދުކޮށްގެން ހިންގާ މިފަދަ ތަންތަނުން ޚިދުމަތް ދިނުމުގައި މިހައި ދޯދިޔާވުމުން ގިނަ ބައެއްގެ ނަފްރަތު ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުވަމުންދާކަން ހާމަކުރުމަށެވެ.
އަދި އާސަންދަ ކުންފުނީގެ ސަމާލުކަމަށް މި މައްސަލަ ގެނެސް ރައްޔިތުންނަށް ދެއްވާ ޚިދުމަތް މިހާލަތުން ސަލާމަތްކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ލިބޭނެ ގޮތަކަށް ޚިދުމަތް ދިނުން ބަދަލުކުރެވިދާނެ ކަމުގެ އުންމީދުގައެވެ.
- މިއީ މިއަދު ހެނދުނު 8.30 ހައިއިރު ހުޅުމާލޭ ހޮސްޕިޓަލުގައި ކަންކަން މެދުވެރިވިގޮތެވެ.