ކަނޑުބޯޓެއްގައި މާލެއަށް ދަތުރުކުރަމުންދިޔަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 22ސ
ކަނޑުބޯޓެއްގައި މާލެއަށް ދަތުރުކުރަމުންދިޔަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފި!

ރަށަކުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދިޔަ ކަނޑުބޯޓެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެބޯޓުގެ ފަޅުވެރިއެކެވެ. މިމައްސަލަ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން މިއަދު ދަނީ ބަލަމުންނެވެ.

ކަނޑުބޯޓެއްގެ ތެރޭގައި ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 11 އަހަރާއި 13 އަހަރުގެ ކުޑަ އަންހެން ދެ ކުއްޖަކަށް ކަމަށް ބައެއް މީޑިއާތަކުގައި ލިޔެފައިވީ ނަމަވެސް "މިއަދުނޫހަށް" އެނގިފައިވާ ގޮތުގައި ޖިންސީ ގޯނައިގެ ޝިކާރައަކަށް އެތަނުން ވެފައިވަނީ އެއް ކުއްޖެކެވެ. ނަމަވެސް އަނެއްކުއްޖާއަށް އެމަންޒަރު ފެނިގެން އޭނާގެ މަންމަ ގާތު ބުނި ކަމަށާއި، އަނެއްކުއްޖާއަކީ މިމައްސަލައިގެ ހެއްކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކުދިންގެ މަންމަ އެމައްސަލަ ޖެންޑާގައި ޖެއްސި ކަމަށާއި ބޯޓު އައިސް މާލެއަށް ޖެއްސުމުން ފުލުހުންނާއި ޖެންޑާއިން ގޮސް އެމީހާ ގެންދިޔަ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

މިމައްސަލާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ މިއަދު ފަތިހު 5:50 ހާއިރު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ޑިވިޝަން) ގައި ހިމެނޭ ރަށަކުން ފުރައިގެން މާލެއަށް އައުމަށް ދަތުރު ކުރަމުންދިޔަ ބޯޓެއްގައިތިބި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް، އެބޯޓުގެ ފަޅުވެރިއެއް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޮފިޝަލު މައުލޫމާތު ދެއްވާފައިވެއެވެ.

 

 

 

 

މިއަދު އޮންލައިން