ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެކްސިޑެންޓުގައި، ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް ސީރިއަސް އަނިޔާތަކެއްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޗަލަކު ވިދާޅުވީ، ކައްޕިގެ މޫނުގެ ކަށިގަނޑެއް ބިންދައިގެން ގޮސް ލޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދީފައިވަނީ ބ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ވުމުގެ ސަބަބުން މިހާރު އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވެފައިވަނީ، މިހާދިސާގައި، ޑިންގީގައި ތިބި ދެމީހަކަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
ދ. ދޮންފަނު ކައިރީ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި މިއެކްސިޑެންޓުގައި އޭދަފުށީ/މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ (41އ.) ކިޔާ މީހަކު ވަނީ ގެއްލިފައެވެ. އޭނާ ހޯދުމުގެ މަސައްކަތް އެންއެންޑީއެފް ކޯސްޓްގާޑުން އަދިވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.