ލޯންޗް އަންނަތަން ފެނިފައިވަނީ ޑިންގީއާއި ވަރަށް ކައިރިވެފައި ވަނިކޮށް!: ކައުންސިލް

ކިޔުމަށް ހޭދަވާނީ 1މ 48ސ
ލޯންޗް އަންނަތަން ފެނިފައިވަނީ ޑިންގީއާއި ވަރަށް ކައިރިވެފައި ވަނިކޮށް!: ކައުންސިލް

މިދިޔަ ބުރާސްފަތި ދުވަހު ލޯންޗަކާއި ޑިންގީއެއް ބ. ދޮންފަނު ކައިރިން ޖެހި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެލޯންޗު އަންނަކަން ޑިންގީގައިތިބި މީހުންނަށް އެނގުނީ ވެސް ޑިންގީއާއި 50 ފޫޓަށް ކައިރިވެފައި ވަނިކޮށް ކަމަށް ޑިންގީގައިތިބި މީހުންނާއި ހަވާލާދީ ދަރަވަންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.

ދަރަވަންދޫއިން މަހަށް ނިކުތް ކުޑަ ޑިންގީއެއްގައި ތިބީ، އެޑިންގީން ކަނޑަށް ވެއްޓި ގެއްލިފައިވާ ބ. އޭދަފުށީ/ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ އާއި އޭނާގެ އަންހެނުންގެ ދެބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި ދަރަވަންދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާ މުޙައްމަދު ނާފިޒެވެ. ލޯންޗްގައި ތިބީ އޭގެ ކައްޕިއާއި ކްރޫއެވެ.

ޑިންގީގައި ތިބި މީހުންނާއި ހަވާލާދީ ވާހަކަދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ލޯންޗެއް އަންނަކަން އެމީހުންނަށް އެނގުނީ 50 ފޫޓަށް ކައިރިވެފައި ވަނިކޮށް ކަމަށާއި ފަންސާސް ފޫޓަކީ އެހާ ބާރަށް ދުއްވާފައިދާއިރު ވަރަށް ކައިރި ކަމަށެވެ.

"ޑިންގީ ދުއްވަން އިން ސާމީ މަސައްކަތް ކުރި ކަމަށްވަނީ އަނބުރާލަން ވެސް. އެކަމަކު އެހާ ކައިރިވީމަ އެކަން ނުކުރެވުނީ ކަމަށް ބުނަނީ" އަލީ ވިދާޅުވިއެވެ.

މީގެއިތުރުން ޑިންގީގައި ތިބި މީހުންނާއި ހަވާލާދީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ލޯންޗުން ޖެހުނީ ޑިންގީގެ ފަހަތުގައި ކަމަށާއި ނަސްރުﷲ އިނީ ޑިންގީގެ ފަހަތުގައި ކަމަށެވެ.

"އެމީހުންގެ ވާހަކައިން ހީވަނީ ލޯންޗު ނަސްރުﷲ ގެ ގައިގައި ޖެހުނީއޭ، ޖެހި ކަމެއް ވިއްޔޭ. އެކަމަކު އަޅުގަނޑުމެން ވެސް އުއްމީދު ކުރަނީ ހެޔޮ ހާލުގައި ހުއްޓާ އޭނާ ފެންނާނެ ކަމަށް" އަލީ ވިދާޅުވިއެވެ.

ނަސްރުﷲ ކަނޑަށް ވެއްޓުނު ފަހުން އެންމެ ފަހަރަކުވެސް ނުފެންނަ ކަމަށް ވެސް އަލީ ވިދާޅުވެފައިވެއެވެ.

ވައިގެ މަގުންނާއި ޑައިވިން ރޮބަޓު ބޭނުންކޮށްގެން ނަސްރުﷲ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދި އޭނާގެ ޚަބަރެއްވާ ގޮތެއް ނުވެއެވެ.

އެކްސިޑެންޓު ހިނގިތާ މާގިނުއިރުތަކެއް ނުވެ ލޯންޗުވަނީ ދެފަޅިވެ އަޑިއަށް ގޮސްފައެވެ.

 

މިއަދު އޮންލައިން