އިސްލާމިކް ޔުނިވާސިޓީއަށް އާ ޑީނުން ހަމަޖައްސައިފިއެވެ.
އިސްލާމިކް ޔުނިވާސިޓީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސެންޓަ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަމަށް އައްޔަނު ކުރައްވާފައިވަނީ ޑރ. އަބްދުﷲ ޖަމީލެވެ. ސެންޓަ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީންކަމަށް އައްޔަނު ކުރައްވާފައިވަނީ ޑރ. އިސްމާއިލް ޝަފީއެވެ. ކުއްލިއްޔާ އޮފް އެރަބިކް ލެންގްވޭޖްގެ ޑީންކަމަށް އިސްހާގު މުހައްމަދުފުޅު، ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީންކަމަށް ޑރ. ޢާއިޝަތު ރީޝާ، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްގެ ޑީންކަމަށް އަހްމަދު ސަލީމް ހުސައިން އަދި ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ޑީންކަމަށް މުހައްމަދު ޝުޖާއު އަބްދުލްޙަކީމް ވަނީ އައްޔަނު ކުރައްވާފައެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޑީނުންނަށް އައްޔަން ކުރި ބޭފުޅުންނަކީ، ހަތަރު އަހަރުގެ މުއްދަތަށް އައްޔަން ކުރި ބޭފުޅުންނެވެ. އާ ޑީނުން އައްޔަން ކޮށްފައިވަނީ ކުރިން ޑީނުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ޑީން ކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރީ އާންމުކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ޔުނިވާސިޓީގެ މަޖިލީހުން ކަމަށް އެ ޔުނިވާސިޓީން ވަނީ ބުންނެފައެވެ.