ޢާންމުކޮށް ވަދެ އުޅޭ ފިހާރައަކަށް މިއަދު ހަވީރު ވަދެލިއިރު ކައުންޓަރުގައި އިން އަންހެން ކުއްޖާއަށް އިނީ ރޮވިފައެވެ. ގައިގައި ވޭންތަކެއް އަޅާކަން މޫނުމަތިން ފާހަގަކުރެވުމުން ކިޔައި ނުދޭން އިރުކޮޅަކު މަޑުކުރުމަށްފަހު ކިޔައިދިނެވެ.
"މި ފިހާރައަކު ފާޚާނާއެއް ނުހުރެއެވެ. ފާޚާނާ ކުރަން ދަނީ ބޭރަށެވެ. އަޅުގަނޑު ފާޚާނާކުރަން ބޭނުންވެގެން މިތާ ހުންނަ ދެން ކައުންޓަރު ބަލަހައްޓާ ބަންގްލަދޭޝް މީހާ ގާތު ބުނުމުން މިއަންނަނީ ކަމަށް ބުނެފައި ނުކުމެގެންދިއަތާ މިހާރު ބައިގަޑިއިރުވެއްޖެއެވެ. އަޅުގަނޑަކީ ކުޑަކަމުދާން ބޭނުންވުމުން ނުދެވި ލަސްވާނަމަ ބަނޑުގައި ރިއްސާ ކުއްޖަކީމެވެ. މިއުޅެނީ ވޭން އަޅާވަރުން ކެތްނުކުރެވިގެންނެވެ.
ދިވެހިން މަސައްކަތް ނުކުރާ ވާހަކަ އެންމެން ދައްކާނެއެވެ. މަސައްކަތްކުރަން ނުކުތީމާ އުޅެން ޖެހޭ ޙާލަކީމިއީއެވެ."
އެފިހާރައަކީވެސް ޢާންމު ގޮތެއްގައި އެންމެ އަންހެން ކުއްޖަކު ފިޔަވައި ދެން މުޅިންވެސް ބިދޭސީން މަސައްކަތްކުރާ ފިހާރައެކެވެ. ލަފާކުރެވޭ ގޮތުން ޑިޔުޓީއެއްގައި 6 ވަރަކަށް ބަންގްލަދޭޝް މީހުން މަސައްކަތްކުރެއެވެ.
އެ ފިހާރައަކީ ވެސް މަސައްކަތްކުރާ ދިވެހިކުދިން ވަރަށް އަވަސްއަވަހަށް ބަދަލުވެސްވާ ފިހާރައެކެވެ. ދިވެހިންނަކީ ފައިސާ ބޭނުން ނަމަވެސް އަޅުންގެ ގޮތުގައި މަސައްކަތްކުރާނެ ބައެއް ނޫނެވެ. ވީމާ ދިވެހިންނަށް ވަޒީފާ ހޯދައިދޭން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިބާވަތުގެ ކަންކަން ދެނެގަނެ އިޞްލާޙްކުރުން ރަނގަޅުވާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ވަޒީފާގައި ތިބެގެން ތަނުގެ ޝަކުވާ ކުރުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން ދިވެހިންނަށް މަސައްކަތްކުރުމުގެ މާހައުލުގައި ހުރި ދަތިތައް ކަމާއި ގުޅުންހުރި އިދާރާތަކުން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަން ވެސް ފާހަގަކުރެވެއެވެ.