ޢިއްޒުއްދީން ސްކޫލް: ހުރަވީ ޚާންދާނަށް ނިޞްބަތްވާ 5 ވަނަ ސްކޫލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ޢިއްޒުއްދީން ސްކޫލް: ހުރަވީ ޚާންދާނަށް ނިޞްބަތްވާ 5 ވަނަ ސްކޫލް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވި ޢިއްޒުއްދީން ސްކޫލް ވެގެންދާނީ ހުރަވީ ޚާންދާނަށް ނިސްބަތްކޮށް މާލެ ސިޓީގައި ހިނގަމުންދާ 5 ވަނަ ސްކޫލަށެވެ. ފުރަތަމަ ސްކޫލަކީ ޢަބްދުލަމްޖީދު ރަންނަބަނޑޭރިކިލެފާނުގެ ނަންފުޅަށް ނިޞްބަތްވާ މަޖީދިއްޔާ ސްކޫލެވެ. 2 ވަނަ ސްކޫލަކީ ސުމުއްވުލްއަމީރު މުޙަމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ނަންފުޅަށް ނިޞްބަތްވާ އަމީނިއްޔާ ސްކޫލެވެ. 3 ވަނަ ސްކޫލަކީ މުޙައްމަދު އަމީންގެ ބައްޕާފުޅު އަޙްމަދު ދޮށިމޭނާކިލެގެފާނުގެ ނަންފުޅަށް ނިޞްބަތްވާ އަމީރު އަޙްމަދު ޕްރިސްކޫލެވެ. 4 ވަނަ ސްކޫލަކީ ހުރަވީ ސްކޫލެވެ. 5 ވަނަ ސްކޫލަކީ މިއަދު ހުޅުވި ޢިއްޒުއްދީން ސްކޫލެވެ.

ޢިއްޒަތްދީން ސްކޫލް ހުޅުއްވައި ދެއްވެވުމަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ދޮންބަންޑާރައިންގެ ޤައުމީ ޚިދުމަތަށާއި ރާއްޖޭގެ ތައުލީމަށް ދޮންބަންޑާރައިން ކޮށްދެއްވި ޚިދުމަތްތަކަށް ވެސް ބައްލަވައި ލައްވައިފައެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:  

"މި ސްކޫލްގެ ނަން، އެ ބޭފުޅަކަށް ނިސްބަތްވަނީ، އައްސުލްޠާން އަލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަށް. އާދެ، މަޝްހޫރު ދޮންބަންޑާރައިންނަށް. އެ ރަދުންނަކީ ދިވެހި ޤައުމުގެ ތާރީޚުގައި، ވަރަށް ކުލަގަދަ އަކުރަކުން ނަންފުޅު ފެވިފައިވާ ރަސްކަލެއް. ވަޠަނީ ލޯތްބާއި ޤައުމީ ރޫޙުގައި، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު، އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެއް." 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތާރީޚް ޢިލްމުވެރިން، އެ ރަދުން ސިފަކޮށްދެއްވާފައިވަނީ، ހިތްވަރުފުޅު ގަދަ، ވިސްނުންތެރި ފަހުލަވާނެއްގެ ގޮތުގައި ކަމަށާއި އަދި  ވަފާތެރި އިޚްލާޞްތެރި އިންސާނެއްގެ ގޮތުގައި ކަމަށެވެ. "މިއަދު އަޅުގަނޑުމެންގެ ތެރެއިން ނެތިގެން މިއުޅެނީ، މި މުހިންމު ސިފަތައް. މިއީ ހަމަޖެހުމާއި އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން މުޖްތަމަޢުގައި ދެމިއޮތުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް. މި ސިފަތައް އަށަގެންނެވުމަށް ކޮންމެ ދަރިވަރަކު ގަދައަޅައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް." 

"ދޮން ބަންޑާރައިންނާއެކު، ދިވެހިންގެ ރަސްކަމުގެ ތާރީޚުގައި ފެށިގެން އައީ ހުރާ ދަރިކޮޅުގެ ރަސްކަން. އެ ދަރިކޮޅުން ރަސްކަންކުރި ދުވަސްވަރަކީ، ޢިލްމީ ގޮތުން ދިވެހިންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިއަ ދުވަސްވަރެއް. ދަރީންނަށް ތަޢުލީމް ދިނުމުގައި ޢިލްމުވެރިންގެ ދައުރު ވަރަށް ބޮޑަށް އެދުވަސްވަރު ފުޅާވެގެންދިޔަ. ރާއްޖޭގެ ލިޔުންތެރިކަމާއި ފޮތްތެރިކަމުގެ ބިންގާ އެޅިގެން ދިޔައީ، އެ ދުވަސްވަރު ކަމަށް ބައެއް މުއައްރިޚުން ވިދާޅުވޭ. 

އެހެންކަމުން، ހުރާ ދަރިކޮޅުގެ ރަސްކަމުގެ ފެށުން ކަމުގައިވާ ދޮން ބަންޑާރައިންގެ ނަމަށް، ސްކޫލެއް ނިސްބަތް ކުރުމަކީ ވަރަށް އެކަށޭނަ ކަމެއްކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު އުންމީދު ކުރަނީ، މި ސްކޫލަކީވެސް ހުރާ ޚާންދާނުގެ ރަސްކަލުން ފަދައިން، ތަޢުލީމީ އަދި ޢިލްމީ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުން، އަގުހުރި ދަރިވަރުންތަކެއް އުފައްދާނެ ސްކޫލަކަށް ވެގެންދިޔުން.

މިއަދު އޮންލައިން