'މާފަރު އެއަރޕޯރޓް' އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫޢު ކުރިއަށްގެންދިއުމުގެ ހުއްދަ ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
'މާފަރު އެއަރޕޯރޓް' އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫޢު ކުރިއަށްގެންދިއުމުގެ ހުއްދަ ދީފި

މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި ޤާއިމުކޮށްފައިވާ 'މާފަރު އިންޓަރނޭޝަނަލް އެއަރޕޯރޓް' އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫޢު ކުރިއަށްގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ދެއްވައިފިއެވެ.  

މިނިސްޓަރު މި ހުއްދަ ދެއްވަފައިވަނީ، ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް ތައްޔާރުކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް މުރާޖަޢާކުރުމަށްފަހު، އެ މަޝްރޫޢު ކުރިއަށްގެންދަން ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ނިންމި ނިންމުން ޕްލޭނިންގ މިނިސްޓްރީ އިން އެންވަޔަރަންމަންޓް  މިނިސްޓަރަށް އިސްތިއުނާފުކުރުމާ ގުޅިގެން 'ތިމާވެށްޓަށްކުރާ އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު' ގެ ދަށުން އެ މައްސަލަ ބެއްލެވުމަށްފަހުގައެވެ

މި މައްސަލަ ބެއްލެވުމުގެ ގޮތުން ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން މައްސަލަ ތަޙުޤީގު ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އޮފިސަރަކާއި ހަވާލުކޮށް އޭނާ ހުށައެޅި ރިޕޯޓަށާއި، ޖުމުލަކޮށް ދެވަނަ އެޑެންޑަމް ރިޕޯޓަށާއި ވަކިން ޚާއްޞަކޮށް އެ ރިޕޯރޓްގެ ކޮންކްލޫޝަންސްގެ އެންމެ ފަހު ޕެރެގްރާފުގައި، "ޕްރޮޖެކްޓް ތަންފީޛުކުރުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ފިޔަވަޅުތަކާއި (މިޓިގޭޝަންސް މެޝަރސް އާއި)، މެނޭޖްމަންޓް ޕްލޭން އާއި އޯލްޓަނޭޓިވްސް އާއި މޮނިޓަރިންގ ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް، މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ލަފާދޭ (ރިކަމެންޑް ކުރާ) ކަމަށް" ބުނެފައިވާ ބުނުމަށާއި، މައްސަލާގެ ޙަޤީގަތްތައް އިތުރަށް އޮޅުންފިލުވުމަށް މި ހިނގާ ޖަނަވަރީ މަހު 7 އިން 8 އަށް މިނިސްޓްރީގެ ވަފުދަކާއެކު މިނިސްޓަރ މާފަރަށް ޒިޔާރަތްކޮށް، އެރަށުގެ ރަށުކައުންސިލާއި ރައްޔިރުންނާއި އަދި މިލަދުނަމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ މަސްޢޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝަވަރާތަކަށާއި، މި މަހު 9 ވަނަ ދުވަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އެތޯރިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓްއަރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްޢޫލުވެރިންނާއި ބައްދަލުކޮށް ކުރި މަޝްވަރާތަކުގެ މައްޗަށާއި، މި ބައްދަލުވުންތަކުން ލިބުނު އިތުރު މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށެވެ.  

މި މިނިސްޓަރ މި ހުއްދަ ދެއްވާފައިވަނީ އެ މަޝްރޫޢުގެ ސަބަބުން ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކު، އެ ރިޕޯޓުގައި ކަނޑައަޅާފައިވާފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިންގް ޕްލޭނަކާއިއެކު އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށެވެ.

މިއަދު އޮންލައިން