ދިރާސީ އައު އަހަރު މިއަދު ފެށިގެން މިދިއައީ މާލޭގައި މުޅިން އަލަށް ސްކޫލެއް ހުޅުވިގެން ދިއުމުގެ އުފާވެރިކަމާއެކުއެވެ. 250 ދަރިވަރުންނާއެކު މިއަދު އިއްޒުއްދީން ސްކޫލް ހުޅުވިގެން ދިއުމުން މާލޭގެ ސްކޫލްތަކަށް ލިބިފައިވާ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެއެވެ.
އިއްޒުއްދީން ސްކޫލް މިއަދު ހުޅުވިގެން މިދިޔައިރު މި ސްކޫލްގެ ހަރަކާތްތައް ތަރުތީބު ކުރެވިފައިވަނީ ދަރިވަރުން ޅަފަތުގައި އުނގެނި އުފަލުގައި ކިޔަވައި ރިވެތި ސިފަތަކުން ޒީނަތްތެރިވެ މާތްވި ދީނާ އަމާން މި ދިވެހި ގައުމަށްޓަކައި އާރުލާ ޚިދުމަތަށް ތައްޔާރުވެތިބި ދަރިންތަކެއް ބިނާކުރުމަށެވެ.
އަދި ސްކޫލްގެ ސެޝަން ރާވާލެވިފައިވަނީ ބެލެނިވެރިން ހެނދުނު އޮފީހަށް ދަމުން ދަރިވަރުން ސްކޫލަށް ގެންދިއުމަށްފަހު އޮފީހުން ނިމިގެން ދަރިވަރުން ގޮވައިގެން ދެވޭފަދަ ގޮތަކަށެވެ.
ދިރާސީ އަހަރު ފެށުނުއިރު ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންގެ ރިކުއަޔަރމެންޓްވަނީ ފުރިހަމަވެފައެވެ. އެހެން ނަމަވެސް ތަފާތު ސަބަބުތަކާހުރެ މަދުވާ ޓީޗަރުން ހޯދުމަކީ މުޅި އަހަރުގެ ތެރޭގައި އަބަދުވެސް ކުރިއަށްދާ މަސައްކަތެއް ކަމަށްވާތީ އެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
ދިރާސީ އަހަރު ފެށިގެން ދިޔައިރު، ސަރުކާރުން ދަރިވަރުންނަށްދޭ ހެނދުނުގެ ނާސްތާ މިއަދު 50250 ދަރިވަރުން ނަގާފައިވެއެވެ.
ސިންގަލް ސެޝަން ސްކޫލިންގ ނުވަތަ ވަށާޖެހޭ ތަޢުލީމަކީ މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ވަރަށް މުހިއްމު ބައެކެވެ. އެގޮތުން އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް 22 ސްކޫލްތައި 2019 ވަނަ އަހަރު ކުރިއަށް ގެންދެވުނުއިރު، މިއަހަރު އިތުރު 22 ސްކޫލްގައި މި ޕްރޮޖެކްޓްވަނީ ހިންގަން ފަށާފައެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ޑިޖިޓަލް ޓެކްސްޓްބުކް ތަޢާރަފް ކުރުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށް އެބަދެއެވެ.
ޑިޖިޓަލް ޓެކްސްޓްބުކް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލުގައެވެ. އެގޮތުން ޖުމްލަ 40 ސްކޫލްގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓްގެ މަގުސަދަކީ އައިސީޓީއަކީ އާ ކަރިކިއުލަމްގެ މުހިއްމު ބަޔަކަށްވުމާއެކު ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ އައިސީޓީއަށް ދަރިވަރުން އަހުލުވެރިކުރުމާއި، ދަރިވަރުންނާއި މިހާރު ހަވާލުކުރެވިފައިވާ ޓެބްލެޓްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
2020ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ސްކޫލްތަކުގެ އިންފްރަސްޓްރަކްޗަރ ގާއިމް ކުރުމަށްޓަކައި 330 މިލިއަން ރުފިޔާ ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން އަލަށްފަށާ ޕީއެސްއައިޕީގެ 91 ޕްރޮޖެކްޓަށް 228.6 މިލިއަން ރުފިޔާ ހަމަޖެހިފައިވެއެވެ. 2020ވަނަ އަހަރު އަލަށްފަށާ 91 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެނީ 444 ކުލާސްރޫމް، 30 މަލްޓި ޕާޕަސްހޯލް، 9 ލައިބްރަރީ، 6 ސްޓާފްރޫމް، 8 ސައިންސްލެބް، 788 ފާޚާނާ އަދި 150 އެކްސެސިބްލް ފާޙާނާއެވެ. އަދި މީގެ އިތުރުން 280 އުމްރާނީ ވަސީލަތް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓް ތަކަށް 228 މިލިއަން ރުފިޔާ 2020ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވެއެވެ.
މީގެ އިތުރުން މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގައި 2020ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށް ކުރެވިފައިވާ ބޮޑެތި މަރާމާތުތަކަށާއި އަލަށް ހުއްދަ ދެވުނު މަރާމާތުގެ މަސައްކަތްތަކަށާއި އަޕްގްރޭޑިންގ މަސައްކަތްތަކަށް ގާތްގަނޑަކަށް 38 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާނެއެވެ.