ރާއްޖޭގެ ފުރަތަމަ ލޮލުގެ ޑޮކްޓަރ ޑރ. އެން.ޑީ އަބްދުﷲ އަބްދުލްހަކީމް، ރާއްޖޭގެ ސިއްޙީ ދާއިރާއަށް ވެދެއްވި ޙިދުމަތްތަކުގެ އަގުވަޒަންކޮށް، އެމަނިކުފާނުގެ ނަންފުޅުން އައު ލޮލުގެ ޚިދުމަތްދޭ ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
"ޑރ. އަން.ޑީ އަބްދުﷲ އަބްދުލްހަކީމް އޮފްތަލްމޮލޮޖީ ސެންޓަރ" ގެ ނަމުން ނަންދެވިފައިވާ މިސެންޓަރު ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
ޗައިނާ ސަރުކާރުން ގާއިމް ކޮށްދިން މިސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޗައިނާ ސަރުކާރުން ވެދެއްވި އެހީގެ ސެޓްފިކެޓް ވެސް މިޚަފްލާގައި ރާއްޖޭ ސަރުކާރާއި ހަވާލު ކުރައްވާފައިވެއެވެ. މިސެޓްފިކެޓާއި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ހެލްތު މިނިސްޓަރ އެވެ.
ޚަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މިއީ ޗައިނާއާއެކު ކުރިއަށް ގެނަދެވުނު ވަރަށްވެސް ކާމިޔާބު މަޝްރޫޢެއް ކަމަށެވެ.
"ރާއްޖޭގައި ދުވަހުން ދުވަހަކަށް، ޖެހެމުން އަންނަ ލޮލުގެ އެކިއެކި މައްސަލަތައް މިދަނީ އިތުރުވަމުން. މިފަދަ ސެންޓަރެއް ގާއިމްވުމަކީ އެމައްސަލަތަކަށް އަަވަސް ފަރުވާއެއް ލިބޭނެ ކަމެއް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވަނީ އެން.ޑީ އަބްދުﷲ ވެދެއްވި ޙިދުމަތުގެ އަގުވަޒަންކޮށް، އެމަނިކުފާނަށް ތައުރީފުގެ ބަސްތައް ވެސް ވިދާޅުވެފައެވެ.
ޑރ. އެން.ޑީ އަބްދުﷲ ސިއްހީ ދާއިރާގެ ހިދުމަތަށް ނުކުންނެވީ 1964 ގަ އެވެ. އޭގެ ފަހުން 2007އާ ހަމައަށް ޚިދުމަތުގައި ދެމިހުންނެވި އެވެ. އެމަނިކުފާނު އަވަހާރަވީ، އުމުރުފުޅުން 81 އަހަރުގައި، 2016 ވަނަ އަހަރު އެވެ.
ގިނަ ދިވެހީންގެ މެދުގައި މަގްބޫލުވި ޑރ. އެން.ޑީ އަބްދުﷲ ވަނީ ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގެން ލޮލުގެ ހާއްސަ ކްލިނިކްތައް ހިންގަވައިފަ އެވެ. ދިވެހިންގެ މެދުގައި އޭރު އެންމެ އާންމު، ލޯ ފުސްވުމުގެ މަައްސަލާގައި، އެމަނިކުފާނު ވަނީ އެތައް ބަޔަކަށް ފަރުވާ ދެއްވައިފަ އެވެ.