5 ރަށެއްގެ ބަނދަރާއި 8 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ޑރ. އަބްދުލްހާމިދު އަލް ހަލީފާ އެވެ.
އޯޕެކް ފަންޑުގެ އެހީގައި ވޯޓާ ސަޕްލައި ނެޓްވޯކާއި ނަރުދަމާ ގާއިމް ކުރާ އަށް ރަށަކީ ހދ. ނެއްލައިދޫ، ހދ. ނޭކުރެންދޫ، ހދ. މަކުނުދޫ، ށ. ފޭދޫ، ގދ. ވާދޫ، ގދ ފިޔޯރީ، އަދި ބ. ކެންދޫ އެވެ. އަދި ހާބަރު މަސައްކަތްކުރާ ރަށްރަށަކީ ބ.ކުޑަރިކިލު، ބ.ދޮންފަނު، ބ.ކިހާދޫ އަދި ގދ ހޯޑެއްދޫ އާއި ގއ ކޮލަމާފުއްޓެވެ. މީގެއިތުރުން ބ.ދަރަވަންދޫގައި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް މި ލޯނު އެހީގެ ދަށުން ކުރާނެއެވެ.