ނަމޫނާ ދެއްކުމުގެ ނަތީޖާ!: ދޮޅު އަހަރުގެ ކުއްޖަކު ކާފަ އުފަލުން ރޮއްވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ނަމޫނާ ދެއްކުމުގެ ނަތީޖާ!: ދޮޅު އަހަރުގެ ކުއްޖަކު ކާފަ އުފަލުން ރޮއްވާލައިފި!

ކުޑަކުދިންނަށް އެންމެ ތުއްތުއިރުގައިވެސް ހެޔޮ އަމަލުތައް ކުރުމުގައި ނަމޫނާ ދެއްކުމަކީ އެކަމުގެ ނަތީޖާ ވަރަށް ރަނގަޅު ގޮތުގައި ފެނިގެންދާނެ ކަމެކެވެ. އިން ޝާ ﷲ! 

"ކާފަ އޭނާގެ ކާފަ ދަރިފުޅު އެންމެ ތުއްތު އިރުންސުރެ އައީ އަޅުކަން ކުރުމުގައި ނަމޫނާ ދައްކަމުންނެވެ. ގޮވައިގެން ނަމާދުކުރުމާއި ވީވަރަކުން ގާތުގައި ބައިންދައިގެން ކީރިތި ޤުރްއާން ކިޔެވުން ފަދަ ކަންކަން ކުރަމުންނެވެ. 

ދަރިފުޅުގެ އުމުރުން އެންމެ ދޮޅު އަހަރުގައި ކާފަގެ ކިބައިން އެދުނީ އަލަމާރީގެ ވަތްގަނޑު ހުޅުވުމަށެވެ. ވަތްގަނޑު ހުޅުވުމުން ކާފަ ސޫރަތްތައް ކިޔަވަން ގެންގުޅޭ ފޮތް ނަގައި ކާފަގެ އަތަށް ދީފައި އެދުނީ ކިޔެވުމަށެވެ. ކިޔަވަން ފެށުމުން ދަރިފުޅުވެސް ފޮތުގައި އިނިގި ލަދަމަމުން އޭނާއަށް ކިޔެވޭ ގޮތަށް ކިޔަވަން އިރުކޮޅަކު އިނެވެ. އެއަށްފަހު ތެދުވެގެން ކުޅެން ދިއައީއެވެ.   

މިކަން ފެނުމުން ކާފައަށް އެތައް އިރަކު އުފަލުން ރޮވުނެވެ. އަދި ދަރިފުޅަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ." 

މިފަދަ ވާހަކަތައް ބަޔާން ކުރުމުން މިއީ "ފެއަރީ ޓޭލްސް" ކަމަށް ބުނާ މީހުން ތިބެއެވެ. އެއީ މިބާވަތުގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކޮށް މީހުންގެ އަމަލުތައް އިޞްލާޙްކޮށް ދީނާއި ކައިރިވުމަށް ނަފްރަތުކުރާ މީހުންނެވެ. އެއީ އަބަދުވެސް އުޅޭނެ ބައެކެވެ. 

އެފަދަ މީހުންނަށް ބުނެލަން އޮތީ މި ހާދިސާ ޔަޤީންކުރަން ބޭނުން ނަމަ އަޅުގަނޑާއި ބައްދަލުކޮށްލާށެވެ! މިއީ ތެދެއްކަން އެ ޢާއިލާގެ އެހީތެރިކަމާއިއެކު ސާބިތުކޮށްދޭނަމެވެ. މިއީ ހަމަ ދާދިފަހުން މި މާލޭގައި ހިނގާފައިވާ ކަމަކަށްވާތީއެވެ. 

މިއަދުނޫހުގެ އަހުލުވެރިން ހިއްޞާ ކޮށްދޭ މިފަދަ މައުލޫމާތަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ!

މިއަދު އޮންލައިން