ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ކުށުގެ ވެށީގައި ދިރިއުޅޭ ފަރާތްތައް އެކަމުން ދުރުހެލިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ފަރާތްތަކާ މެދު ސަމާލުވެ އެކަމުން ރައްކާތެރިވެތިބުމާއި ވައްކަމާއި ފޭރުން ފަދަ ކުށްތައް ކުރަމުން އަންނަ ފަރާތްތަކަށް ފުރުސަތު ނުދީ ހޭލުންތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މިފަދަ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެނަމަ އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ޕްރޮގްރާމްގެ ތެރެއިން މަޢުލޫމާތުދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ފީވަކުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަދު އޮންލައިން