ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިދާނެތީ އެކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ތައްޔާރީ ޙާލަތަކަށް ގެނެސްފިއެވެ.
ކޮރޯނާ ވައިރަސްއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ފުއްޕާމޭގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރ، ޑރ.މުޙައްމަދު އިސްމާޢީލް ވިދާޅުވީ މިކަމަށް ޚާއްސަ ޓާސްކް ފޯސްއެއް އައިޖީއެމްއެޗްގައި މިހާރު އެކުލަވާލާފައިވާކަމަށާއި މިކަމުގައި ޙަރަކާތްތެރިވާންޖެހިއްޖެ ހިނދެއްގައި މަސައްކަތްކުރާނެ މީހުންވެސް އެކަމަށް ތައްޔާރުކޮށްފައިވާކަމަށެވެ.
ކޮރޯނާވައިރަސްއަކީ އެކެހެރިކޮށްގެން ފަރުވާ ކުރަންޖެހޭ ބައްޔަކަށްވާތީ އައިޖީއެމްއެޗްގައި މިހާރު ބޭނުން ނުކުރާ ސަރަޙައްދެއް މިކަމަށް ޚާއްސަކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއަށް ތައްޔާރުވުމަށް މިހާތަނަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ހާމަކުރައްވާފައިވާއިރު މިބަލި ރާއްޖޭގައި ފެތުރިއްޖެނަމަ މީހުން އެކަހެރިކޮށް ބޭއްތިއްބުމަށް ހުޅުމާލޭގައި ޚާއްސަ ސެންޓަރެއް ޤާއިމުކޮށްފައިވާއިރު ވަކިން ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމް މާލެ ކައިރީ ފުނަދޫގައި މިހާރުވަނީ ހަމަޖައްސަވާފައެވެ.
މީގެއިތުރުން މިބަލިން ރައްކާތެރިވުމަށް މިހާރުން މިހާރަށް ބޭނުންވާ ފޭސް މާސްކު އެސްޓީއޯގެ ސްޓޮކްގައި އެބަހުރިކަމަށާއި ބުދަ ދުވަހު އިތުރު 4 ލައްކަ މާސްކު ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ރާއްޖެއަށް މިބަލި އަޔަނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއަށް މީހުން އެތެރެވާ ހުރިހާ ޕޯޓެއްގައި ތާމަލް ކެމެރާ ހަރުކުރުކޮށްގެން އަންނަނީ ސްކްރީންކުރަމުންނެވެ.