ނިކަމެތިންގެ ޚިދުމަތުގައި އަށާރަ އަހަރު، ބަދަލެއްގެ ގޮތުގަ ލިބުނީ އިންޒާރު! ދަރުމަވެރިޔާ ހިޝާން ރާއްޖެ ދޫކޮށް ދާން ނިންމައިފި!

ކިޔުމަށް ހޭދަވާނީ 2މ 23ސ
ނިކަމެތިންގެ ޚިދުމަތުގައި އަށާރަ އަހަރު، ބަދަލެއްގެ ގޮތުގަ ލިބުނީ އިންޒާރު! ދަރުމަވެރިޔާ ހިޝާން ރާއްޖެ ދޫކޮށް ދާން ނިންމައިފި!

ނިކަމެތިންނަށް އެހީތެރިވެ، އިޖުތިމާއީ އެހީތެރިއެއްގެ ގޮތުގައި ފާޅުގައި ގިނަގުނަ މަސައްކަތްތަކެއް ކުރި ދަރުމަވެރިޔާ އަޙުމަދު ހިޝާން އަށް މިހާރު މިވަނީ ނިކަމެތި ހާލެއް ޖެހިފައެވެ.

އިންސާނިއްޔަތަށްޓަކައި ހިލޭސާބަހަށް 18 އަހަރު ވަންދެން އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތްކުރި ހިޝާން އަށް، ބަޔަކު ބިރުދައްކާ އިންޒާރުދެމުން އަންނަ ވާހަކަތަކެއް އޭނާ ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާވަނީ އެކަން ކަމާއިބެހޭ ފަރާތްތަކުގެ ވެސް ސަލާމުކަމަށް ގެނެސްފައެވެ. ނަމަވެސް ހިތާމައަކީ އޭގެ އެއްވެސް ކަންބޮޑުވުމަކަށް އެއްވެސް ފަރާތަކުން އޭނާއަށް އެހީތެރިކަމެއް ނުލިބުނު ކަމެވެ.

އެހެންކަމުން ހިޝާން މިހާރު ގަސްތުކޮށްފައިވަނީ ރާއްޖެ ދޫކޮށް އެހެން ޤައުމަކަށް ދިޔުމަށެވެ. އެކަން އިއުލާންކޮށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ނައިބު ރައީސް ފައިސަލް ނަސީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ޓެގްކޮށް ހިޝާން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ "18 އަހަރު ވަންދެން ނިކަމެރިންގެ ޙައްޤުތައް ހޯދައިދިނުމަށް މަގުތަކަށް ކުރި މަސައްކަތުގެ ހަދިޔާއަކަށް ލިބުނީ ބިރުދެއްކުމާއި އިންޒާރު. މިވަރު ފުދޭ. ދެން ބޭނުމީ ޤައުމު ދޫކޮށްފަ ދާން" މިފަދައިންނެވެ.

ހިލޭސާބަހަށް އިންސާނިއްޔަތައް މަސައްކަތްކޮށްދިނުމުގެ ދާއިރާއިން ދަރުމަވެރިޔާ ހިޝާން ވަނީ އަގުނުކުރެވޭ ފަދަ އެތައް މަސައްކަތްތަކެއް ކޮށްފައެވެ. ވޭނާ ކެކުޅުމުގައި ދިރިއުޅެމުންދިޔަ އެތައް އާއިލާއެއްގެ ހާލަތު ބަދަލުކޮށްދީފައެވެ. މާޔޫސްވެ ގޮތްހުސްވެފައިވާ އެތައް ބަޔަކަށް އުއްމީދު ގެނެސްދީފައެވެ. އުމުރުން ދުވަސްވީ ފަރާތްތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން ފަޤީރު ނިކަމެތި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަމުގެ އަތް ހިޝާން ދިއްކޮށްލަނީ އޯގާތެރިކަމާއި ހިތްހެޔޮކަމާއެކުއެވެ.

އަޅާނުލެވި މުޖުތަމަޢުއިން ހަވާސާވެފައިވާ ފަރާތްތަކުގެ ގާތައް ޒިޔާރަތްކޮށް، މަދަދުވެރިއެއްގެގޮތުގައި އޭނާގެ މުޅި ދުވަސް ހޭދަކުރެއެވެ. އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިޝާން ކުރަމުންދާ މަސައްކަތަކީ ތަޢުރީފް ޙައްޤު މަސައްކަތްތަކެކެވެ.

ހިޝާން ވަނީ އިޖްތިމާޢީ ޚިދުމަތުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 2014 ވަނަ އަހަރު ހާސިލްކޮށްފައެވެ. ލޯތްބަކީ ވަކި މީހެއްގެ ހައްގެއް ނޫންކަމަށް ހިޝާން ބުނެއެވެ. އެންމެ ނިކަމެތި މީހާއަށް ވެސް ލޯބި ބޭނުންވެއެވެ. އަދި އެ ލޯބި ރަނގަޅު ގޮތުގައި ދެވިއްޖެނަމަ އެކަމުން ލިބޭ ރޫހާނީ އުފަލާއި ހިތްހަމަޖެހުން އެހެން އެއްވެސް މާއްދީ އުފަލަކަށް ވުރެ ބޮޑު ވާނެކަމަށް އޭނާ ބުނެއެވެ.

 

 

މިއަދު އޮންލައިން