ރާއްޖެއިން އަލުން ކޮމަންވެލްތުގަ ބައިވެރިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރާއްޖެއިން އަލުން ކޮމަންވެލްތުގަ ބައިވެރިކޮށްފި

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް ހޮނަރަބަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު މެންދުރު ފޯނުން ގުޅުއްވައި  ދިވެހިރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމުގެ އުފާވެރި ޚަބަރު ދެއްވައިފިއެވެ. 

މިކަމާގުޅިގެންރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އަލުން ކޮމަންވެލްތުގެ ޢާއިލާއާ ގުޅުމުގެ އުފާ ފާޅުކުރައްވައި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުގައި ވެސް ހިމެނޭ މިކަމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއަޓާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއިން ކޮމަންވެލްތާއި ގުޅިފައިވަނީ ކޮމަންވެލްތުގެ 54 ވަނަ މެންބަރު ޤައުމުގެ ގޮތުގައިކަން ފާހަގަކުރައްވައި ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލެރޭޝަނާއި އެއްގޮތަށް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ސިޔާސީ މިނިވަންކަމާއި، ޑިކޮމްރަސީގެ އުޞޫލުތައް ދެމެހެއްޓުމަށް ރާއްޖެއިން ގަދައަޅާ މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮމަންވެލްތުގެ މައިގަނޑު އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖެއިން ބައިނަލްއަޤްވާމީ ކަންކަމުގައި ކޮމަންވެލްތުގެ މެންބަރު އެހެން ޤައުމުތަކާއި އެކު މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. 

ކޮމަންވެލްތަކީ ތަފާތު ބަސްބަހުން ވާހަކަދައްކާ، ނަސްލުތަކާއި، ސަޤާފަތް އެކުލެވޭ ފަންސާހަށްވުރެ ގިނަ މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑެކްލެރޭޝަންގައިވާ ގޮތަށް ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތަކަށް ތަބާވާ މެންބަރުން ހިމެނޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. ހަރ މެޖިސްޓީ ކުއީން އެލިޒަބަތު ސެކަންޑަކީ މި ޖަމުޢިއްޔާގެ އެންމެ އިސް ފަރާތެވެ. މި ޖަމުޢިއްޔާގެ އެގްޒެކެޓިވް ހެޑްކަމާއި ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރައްވަނީރައިޓް އޮނަރަބަލް ބެރޮނެސް ޕެޓްރީޝިއާ ސްކޮޓްލަންޑެވެ.

 

- ޚަބަރު: ރައީސް އޮފީސް

 

މިއަދު އޮންލައިން