ކުށްމަދު އަމާން މުޖުތަމައެއް ބިނާ ކުރުމާއި ސްކޫލް ދަރިވަރުން ޤަވާއިދުތަކަށް އަހުލުވެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. މަޑުއްވަރި ސްކޫލު ދަރިވަރުން ޓްރެފިކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މަޑުއްވަރި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
ޖަނަވަރީ މަހުގެ 30 ން 31 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ޓްރެފިކްގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ ރީތި އަދަބުތަކާއި ހިނގާ ބިނގާވެ އުޅުމުގައި އެހެން މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް އުޅުމާއި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދުއްވާ އެއްޗިއްސަށް ސަމާލުވުމާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އެ ދަރިވަރންގެ އުމުުރާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވެއެވެ.
ޓްރެފިކް މޮނީޓަރުން އުފެއްދުމަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ދަރިވަރުން މަގުމައްޗައް ނެރެ އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އެއްގަމު އުޅަނދު ޗެކްކުރާނެ ގޮތާއި ޕާކު ކޮށްފައި ހުންނަށް ޖެހޭ ގޮތް ބުނެދީ އުޅަނދު ހުއްޓުވާނެ ގޮތް ކިޔައިދީފައިވެއެވެ.