ސީރިއަސް ތުހުމަތުތަކަކާއެކު ދަރުމަވެރިޔާ އަޙުމަދު ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ނިކަމެތިންނަށް އެހީތެރިވެގެން މައްޝޫރުކަން ހޯދާފައިވާ ހިޝާން، ޝްރީލަންކާއަށް ފުރަން މަތިންދާބޯޓެއްގައި އިންދާ ފުލުހުންވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ ހުއްޓުވާ ބޯޓުން ވެސް ބާލުވާފައެވެ. އަދި އޭނާއާއި ގުޅޭ މައްސަލަތަކެއް ވެސް ބަލަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ފުލުހުންގެ އެދުމަށް ހިޝާންގެ ޕާސްޕޯޓުގެ މިހާރުވަނީ ހިފަހައްޓާފައިކަމަށް މައުލޫމާތު ލިބެއެވެ.
ފުލުސް އޮފީހަށް ހާޒިރު ކުރުމުން ހިޝާން ކުރި ޓްވީޓެއްގައި ބުނީ "ފުލުހުންގެ ފަަރާތުން އަޅުގަނޑަށް ފުރިހަމަ އަށް އެއްބާރުލުން އެބަ ލިބޭ" ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެއްޗެއް ނުބުނެ އެވެ.
ހިޝާންއަށް ބަޔަކު ބިރުދައްކާ އިންޒާރު ދެމުން އަންނަކަމަށް ބުނެ އޭނާވަނީ ފާއިތުވީ ދުވަސްތަކުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމައްސަލައިގައި އޭނާ ރާއްޖެ ދޫކޮށް ދާން ނިންމާފައިވާ ކަމަށް ބުނެ އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޓްވީޓްވެސް ކޮށްފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، އެމައްސަލައިގެ ތަހުގީގަށް ހިޝާންގެ ފަރާތުން ފުރިހަމަ އެއްބާރުލެއް ލިބިފައިނުވާ ކަމަށެވެ.
އެމައްސަލަތަކަށްފަހު ހިޝާން އާއި ގުޅޭގޮތުން ގިނަ ބަޔަކުވަނީ ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކޮށް، ތުހުމަތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުރި ކުދިންތަކަކަށް ހިޝާން ޖިންސީ ފުރައްސާރަ ކުރިކަމަށްބުނެ ވެސް ބައެއް ފަރާތްތަކުން ވަނީ އަޑުއުފުލާފައެވެ. ނަމަވެސް އޭނާއާއި ދެކޮޅަށް ފުލުހުންނަށް މިހާރު ހުށަހަޅާފައިވަނީ ކޮން މައްސަލައެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.