މިސްކިތު ސަރަހައްދު ސަލާމަތް ކުރައްވާތޯ ދުޢާކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިސްކިތު ސަރަހައްދު ސަލާމަތް ކުރައްވާތޯ ދުޢާކުރަނީ!

"މަދު އެތިކޮޅެއް ބަހައްޓަން ބޮޑު ސަރަހައްދެއް ބަންދުކޮށް ބޮޑުގޭ ވަގުތީ މިސްކިތަށް ނަމާދަށް އަރާ މީހުންނަށް މި ދަތި ކޮންމެ ދުވަހަކު ކުރަމުން އެގެންދަނީ ހަމަ މާލޭ ސިޓީ ކައުންސިލަށް ނުވެސް އެނގިތޯއެވެ؟ މިފަދަ ކަންކަން ކުރާއިރު ހަމަ ނުވެސް ފެންނަނީތޯއެވެ؟ ހުއްދަދީފައިވާ ނަމަ އެކަން އެނގޭނެ ބޯޑެއް ނުބަހައްޓަނީ ހުއްދަދިންކަން ސިއްރުކުރަންތޯއެވެ؟" މިއީ މިސްކިތަށް ނަމާދަށް އަރާ މީހުންގެ ސުވާލުތަކެވެ! 

ޖަވާބުދޭނީ ކޮން ފަރާތަކުން ކަމެއް ނޭނގެއެވެ! އެނގޭ ކަމަކީ ކުރާ މަސައްކަތުގެ ގޮތުގެ ގޮތުން އެއްޗެއް މަގުމަތީގައި ބަހައްޓައިލަން ޖެހުނު ނަމަވެސް ބޭނުން ނުވާ ބޮޑު ސަރަހައްދެއް ބަންދުކޮށްފައި ބޭއްވުމުން މިސްކިތަށް ނަމާދަށް ދާ މީހުންނަށާއި އެހެން މީހުންނަށް ވެސް ޕާކް ނުކުރެވި އުނދަގޫތައް ކުރިމަތިވާނެ ކަމެވެ! 

މިފަދަ ކަންކަން ބަލައިދޭނެ ފަރާތެއް އޮތް ކަމަކަށް މިހާރަކު ނުވެއެވެ. މީގެ ކުރިންވެސް އެސަރަހައްދު ބަންދުކޮށް ބެހެއްޓި ތަކެތި ނެތީ 2،3 ދުވަސް ފަހުންނެވެ. ކުރެވެން އޮތް ހަމައެކަނި ކަމަކީ ޒިންމާ ނުނަގާ ބައެއްގެ ކިބައިން ރައްޔިތުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުމެވެ! 

"ސަރަހައްދު ބަންދުކުރަން ބަހައްޓާފައި ހުރި ލަކުޓިތައް އަހަރެމެންނަށް ނަގާ އުކާވެސް ލެވިދާނެ! ނަމަވެސް އެއިރުން އަނެއްކާ ކުށްވެރިވާނީ އަހަރެމެން ނޫން ކަމެއްވެސް ނޭނގެ! ދުޢާކޮށްގެން ކުށްވެރިއެއް ނުވާނެ! ޒިންމާ ނުނަގާ އަނިޔާ މިކުރާ ވެރިންގެ ކިބައިން ސަލާމަތްކުރައްވާތޯ އަހަރެމެން ދުޢާ ކުރާނީ!" ޢަޞްރު ނަމާދަށްފަހު މިސްކިތުން ފޭބި މީހަކު ބުނެފައިވެއެވެ. 

 

މިއަދު އޮންލައިން