ޗައިނާގެ ވުހާންގައި އުފެދި ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރުނު "ނޮވެލް ކޮރޯނާ" ވައިރަސް ހުރިކަމަށް ޝައްކު ކުރެވޭ ޖުމްލަ ހަތް ދިވެއްސަކު ޓެސްޓު ކުރެވުނު ކަމަށާއި، އެއެންމެންގެ ޓެސްޓު ނަތީޖާތައް ވެސް ނެގަޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކުރިއަށް ގެންދެވޭ ސާވެލެންސްގެ ދަށުން އެބަލި ހުރެދާނެ ކަމަށް ބެލެވޭ މިންގަނޑަށް ފެތޭ އެއް ފަރާތެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު، އެހެންމީހުންނާއި އެކަހެރިކޮށް ބަހައްޓައިގެން ފަރުވާ ދީފައިވާ ކަމަށެވެ. އަދި ނޮވެލް ކޮރޯނާ ވައިރަސް އަށް އެފަރާތް ޓެސްޓު ކުރެވިފައިވާ ކަމަށާއި ޓެސްޓުގެ ނަތީޖާއިން ދެއްކީ އެފަރާތް އެބައްޔަށް ނެގަޓިވް ކަމަށް ކަމުގައިވެސް އެޗްޕީއޭ އިން ބުންޏެވެ.
މީގެއިތުރުން މިބަލި ހުރެދާނެ ކަމަށް ޝައްކު ކުރެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ނުފެތުނު ނަމަވެސް އިތުރު ހަ ފަރާތެއްގެ ސާމްޕަލް ނަގާ، ތެސްޓު ކުރެވިފައިވާ ކަމަށާއި އެފަރާތްތަކުގެ ޓެސްޓުގެ ނަތީޖާވެސް ދައްކާފައިވަނީ ނެގަޓިވް ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ނޮވެލް ކޮރޯނާއަށް މިހާތަނަށް ޓެސްޓު ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ:
1. ބަލި ހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތިގެން އެކަހެރިކުރެވި ޚިދުމަތް ދީފައިވާ: 1 ފަރާތް
2. ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓުކޮަށްފައިވާ ނަމަވެސް ބަލި ހުރެދާނެކަމަށް ޝައްކު ނުކުރެވޭ: 4 ފަރާތް
3. ބަލީގެ އަލާމާތެއް ނުފެންނަ، އެހެން ނަމަވެސް ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިން: 2 ފަރާތް
އެޗްޕީއޭއިން ބުނިގޮތުގައި ޓެސްޓު ކުރެވުނު މިހުރިހާ ފަރާތްތަކަށް ވެސް މިހާރު ވަނީ ނަތީޖާ އަންގާފައެވެ. އަދި އެފަރާތްތައް އެޗްޕީއޭގެ މޮނިޓަރ ކުރުމުގެ ދަށުން މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.