ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން އެރަށު ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ފެބްރުއަރީ މަހުގެ 01 ން 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ މަކުނުދޫގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމުގެ ގޮތުންނާއި، ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރަންވީ ގޮތްތައް ކިޔައިދޭނެއެވެ. މިގޮތުން، ކެއުން ބުއިމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ޑައިޓް ކުރާނެ ރަނގަޅުގޮތްތައް ކިޔައިދޭނެއެވެ.
މީގެއިތުރުން މި ޕްރޮގްރާމުގައި މޫދު ކަސްރަތު ކުލާސްތަކެއް ކުރިއަށް ގެންދާއިރު، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާ ކުރުމަށް ކުރެވިިދާނެ ކަންކަމާ ގުޅޭގޮތުން މުހިންމު މެސެޖްތަކެއް ބައިވެެރިންނަށް ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމުގައި 30 ބައިވެރިޔަކު ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދެނީ ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ، މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.