ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖެއިން އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ނިންމައިފިއެވެ.
މިކަމާގުޅިގެން މިރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ މަސްދަޅުތައް ހަވާލުކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޗައިނާގެ ފަރާތުން މަސްދަޅާ ހަވާލުވެފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ.
މިރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ޗައިނާއަށް މަސްދަޅު ހަދިޔާކުރެއްވުމަށް ނިންމަވާފައި ކަމަށެވެ. އަދި މިކަމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޗައިނާއިން ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާއަށް ދަތި މި ދަނޑިވަޅުގައި ދިވެހިން އެންމެ ބޭނުންކުރާ އެކަތި ކަމަށްވާ މަސްދަޅު ޗައިނާ ރައްޔިތުންނަށް ހަދިޔާ ކުރުމުން ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.