ރަތަފަންދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 1މ 29ސ
ރަތަފަންދޫގައި ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް  ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން އެރަށު ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ރަތަފަންދޫ ފިހާރަތަކުގެ ސެކިއުރިޓީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވެ ސަމާލުކަން ދިނުމާއި، ބެންކު އެކައުންޓާއި ކޭޝްކާޑުގައިވާ މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި އެފަދަ ކަންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ އަމަލުތައް ހުންނާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ.

އަދި ވައްކަންކުރާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި އިތުރަށް ސަމާލުވުމާއި، 18 އަހަރުން ދަށުގެ ކުޑަކުދިންނާ ނުގުޅޭ ތަކެތި އެކުދިންނަަށް ނުވިއްކުމަށާއި، ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމާ އަދި ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމަށް އިރުޝާދުދީފައިވެއެވެ.

މީގެއިތުރުން ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތައް ބުނެދީ ފުލުހުންނާ ގުޅޭނެ ނަންބަރުތައް ހިއްސާކޮށްފައިވެއެވެ. އަދި ވިޔަފާރި ހިންގާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މި ޕްރޮގްރާމުގައި މަޝްވަރާކޮށްފައިވެއެވެ. އަދި ވައްކަމާއި މަކަރާހީލަތް ފަދަ ކުށްތައް މަދުކުރުމަށް ވިޔަފާރި ވެރިންނަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

މިއަދު އޮންލައިން