ތިމަރަފުށި ކޯޓުން ކުޑަކުއްޖަކު އެކުއްޖާގެ މާމައާއި ހަވާލު ކުރުމަށް ނެރެފައިވާ އަމުރު ތަންފިޒުކުރަން އުޅުމުން، ބަޔަކު އެކަން ހުއްޓުވަން މަސައްކަތް ކޮށްފިއެވެ.
"މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ތިމަރަފުށީ ކައުންސިލުގެ ނައިބު ރައީސް އަޙްމަދު އިބްރާހިމް ވިދާޅުވީ ކުއްޖާގެ މާމައާއި ކުއްޖާ މިހާރު ހުރީ ތިމަރަފުށީގައި ކަމަށާއި ނަމަވެސް، އެކުއްޖާގެ މާމައާއި ކުއްޖާ ހަވާލު ކޮށްފައިވަނީ މ. މުލަކުން ކަމަށެވެ. އަދި އަމުރު ތަންފިޒު ކުރުން ހުއްޓުވަން މަސައްކަތް ކޮށްފައިވަނީ ވެސް މުލަކުން ކަމަށް އަހްމަދު އިބްރާހިމް ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ މިއަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހު ތިމަރަފުށި ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގައިވަނީ ކުޑަ ކުއްޖެއްގެ މާމައާއި އެކުއްޖާ ހަވާލު ކުރުމަށާއި ކުއްޖާ ގެންދިޔުމުގައި އެކަމަށް އެއްވެސް ބަޔަކު ހުރަސް އަޅާނަމަ، އެކަން ހުއްޓުވުމަށް ކަމަށެވެ. އަދި މި ކޯޓު އަމުރު 4 ފެބްރުއަރީ 2020 ގެ 14:00 ގެ ކުރިން ތަންފީޒު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން އެކުއްޖާގެ މާމަ އިއްޔެ ހެނދުނު ކުއްޖާއާއި ހަވާލުވުމަށް ދިޔައިރު އެކުއްޖާ ސްކޫލްގައި ހުރުމުން، ސްކޫލް ނިމުނީމަ 12:30 ހާއިރު ކުއްޖާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ކުއްޖާގެ ބައްޕައަށް ފުލުހުން އަންގާފައިވެއެވެ.
ނަމަވެސް އެކުއްޖާ ހުންއައިސްފައިވާތީ ސްކޫލް ނިމުމުން ކުއްޖާގެ ބައްޕަ އެކުއްޖާ ގޮވައިގެން މުލަކް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފައިވާ ކަމަށާއި ކުއްޖާގެ ހާލަތު އިނގޭނީ ލޭގެ ޓެސްޓެއް ހެދުމަށްފަހު 14:30 ގައި ނަތީޖާ ލިބުމުން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ބައްޕަ ބުނެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން އެކުއްޖާގެ މާމަ ހޮސްޕިޓަލަށް ގެންގޮސް، ލިޔުމުން އެކުއްޖާ ވަނީ މާމައާއި ހަވާލު ކޮށްފައެވެ.
ކުއްޖާގެ ހާލަތު ރަނގަޅުކަމަށްބުނެ ޑޮކްޓަރުން އެކުއްޖާ ހޮސްޕިޓަލުން ދޫކޮށްލަށް 15:00 ހާއިރު ނިންމިއިރު އެހޮސްޕިޓަލު ކައިރިއަށް އެރަށުގެ ގިނަ އަދަދެއްގެ މީހުން އެއްވެ، ކޯޓު އަމުރު ތަންފީޒު ކުރަން ހުރަސް އަޅާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެކަމާއި ގުޅިގެން ކުއްޖާއާއި ކުއްޖާގެ މާމަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން، އެތަނަށް އެއްވެތިބި މީހުންގެ ފަރާތުންނާއި ކުއްޖާގެ ބައްޕައަށް ވަރަށް ގިނަ ފަހަރު ފުލުހުން ނަސޭޙަތްތެރިވިފައިވީ ނަމަވެސް އެމީހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ. އަދި ހޮސްޕިޓަލުގެ އެމްބިއުލޭންސް ހަމަޖައްސާ ކުއްޖާ ގޮވައިގެން ބަނދަރަށް ދިޔުމަށް 19:00 ހާއިރު މަސައްކަތް ކުރުމުން ރައްޔިތުންގެ ބަޔަކު ނިކުމެ އެއެމްބިއުލޭންސަށް ނުދެވޭ ގޮތަށް ބިންމަތިގައި އޮށޯވެ އެކަމަށް ހުރަސް އެޅިކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ރައްޔިތުންނާއި ކުއްޖާގެ ސަލާމަތައް ބަލާފައި ފުލުހުން ވަނީ ކުއްޖާއާއި ކުއްޖާގެ މާމަ ގޮވައިގެން ހޮސްޕިޓަލުން ފައިމަގުގައި ލޯންޗާއި ހަމައަށް ގެންގޮސްދީފައެވެ.
އެކުއްޖާ ގޮވައިގެން ދިޔަ މަގުމަތީގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިނުވާ ކަމަށާއި އެހެންނަމަވެސް އަންހެނަކު، އެކުއްޖާގެ މާމަގެ ބުރުގާގައި ހިފައިގެން އުޅެނިކޮށް މަގުމައްޗަށް ވެއްޓުނުކަން ފުލުހުންވަނީ ފާހަގަކޮށްފައެވެ.