މިއަދު ހަވީރު މާފުށީ މަގުމަތީގައި މަސްތުގެ ޙާލުގައި ނިވާކަން ކުޑަ ހެދުމެއް ލައިގެން އުލުނު ފަތުރުވެރި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ޖެހުނު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަމުގައި އެރަށުގައިތި ފުލުހުން އަމަލުކުރި ގޮތާއިމެދު ކަންބޮޑުވެވަޑައިގެން ސީޕީ ޙަމީދު ވަނީ ކަންބޮޑުވުން ފައުޅު ކުރައްވައި އެ މައްސަލަ ބައްލަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ފަތުރުވެރިޔާ އެ ހާލަތުގައި ނުކިޔަމަންތެރިކަން ދެއްކުމުން ބިޑިއަޅުވަން ޖެހުނުކަން އެއީ ވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ގެންގުޅޭ ފަރާތްތަކުން މިފަދަ މައްސަލަތަކަށް ސަމާލުކަން ނުދީ ބޭނުންހައި ފޭރާމެއް ލައިގެން ރަށުގެ ރައްޔިތުން ކުރިމަތީ ކުރިމަތީގައި އުޅެން ދޫކޮށްލާނަމަ އެއީ ވަރަށް ހިތާމަހުރި ކަމެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ގެންގުޅުމުގައި އަމަލުކުރަން ޖެހޭ ޤާނޫނުތަކާއި ޤަވާއިދުތައްވެސް ހުރެއެވެ.
އަންހެން ފުލުހުން ވެސް ބެއިތިއްބިދާނެއެވެ! ސިފައިންވެސް ބޭތިއްބިދާނެއެވެ! ފަތުރުވެރިން އަތުން ލިބޭ ފައިސާލިބުމުން ހުރިހާ ކަމެއް ނިމުނީ ކަމަށް ބަލައި ރާއްޖޭގެ މުޖުތަމައު ޤަބޫލު ނުކުރާ މިންގަނޑުން ކަންކަން ވާން ދޫކޮށްލެވޭނަމަ އެކަމުގެ ނޭދެވޭ އަސަރު މުޖުތަމައުއަށް ކުރާނެއެވެ! އެކަމުގެ ގެއްލުން ގެސްޓް ހައުސް ހިންގާ ރަށްތަކަށް ދަނީ ލިބެމުންނެވެ!
ހަމަ އެއާއިއެކު ފަތުރުވެރިން ގެންގުޅޭ ރަށްތަކުގައި ތަމްރީނު ލިބިގެން ތިބި ފުލުހުން ޓޫރިސްޓް ޕޮލިސްގެ ޚިދުމަތް ޑޭން ވެސް ޖެހެއެވެ. ގެސްޓް ވިޔަފާރިން ދައުލަތަށް ލިބޭ ޓެކްސް އިން މިކަންކަމަށް އެކަށީގެންވާ ގޮތެއްގައި ހޭދަކުރަންވެސް ޖެހެއެވެ.
މާފުށްޓަށް ބަލައިފިނަމަ ރަށުގައި 1600 އެނދު އެބަހުއްޓެވެ! ރައްޔިތުން ދިރިއުޅެއެވެ. ބޮޑުޖަލެއްގެ ކަންކަން 24 ގަޑިއިރު ބަލަހައްޓަން ޖެހެއެވެ. މިހުރިހާ ކަމަކަށް ތިބީ 6 ވަރަކަށް ފުލުހުން ކަމަސްވެދާނެއެވެ. ސްޓޭޝަން ވެރިޔާ އާއި ރިސިޕްޝަނިސްޓް އުނިކުރުމުން ދެން ތިބޭނީ 4 ވަރަކަށް ފުލުހުންނެވެ. އެއިން މީހަކު ބަލިވެ ކަމެއް ވެއްޖެ ނަމަ އަނެއްކާވެސް މަދުވީއެވެ!
ވީމާ ފަތުރުވެރިންގެ ޙައްޤުތަކާއި ރަށުގެ ރައްޔިތުންގެ ހައްޤުތައް ޙިމާޔަތްކޮށްގެން ފަތުރުވެރިކަން ކުރިއަރުވައި އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކަށް ސަމާލުކަން ނުދީފިނަމަ ދާނީ މައްސަލަތައް އިތުރުވަމުން ކަމަށް ބެލެވެއެވެ!