އަންހެނުންނަކީ ފިރިހެނުންގެ ޖިންސީ ޣަރީޒާ އާއި ޝަހުވަތު ފުއްދުމަށް ތިބި ބައެއްގެ ގޮތުގައި ބައެއް ފިރިހެނުންނަށް ޤަބޫލުކުރެވިފައި ވަނީ ޕޯން ގެ (ނުވަތަ އޮރިޔާން ފިލްމުތަކުގެ) ސަބަބުންކަމަށް ބުނެވިދާނެއެވެ.
އަންހެނުންގެ ޢިއްފަތާއި ޢިއްޒަތާއި ކަރާމާތަކީ އެފަދަ ފިރިހެނުން ދަންނަ އެއްޗެއް ނޫނެވެ. އަދި، މިކަމުގެ ނޭދެވޭ އަސަރު އެފަދަ ފިރިހެނުންގެ ސަބަބުން ކުރަނީ އެ މުޖުތަމަޢެއްގައި ދިރިއުޅޭ އަންހެނުންނަށެވެ. އެގޮތުން ޖިންސީ ފުރައްސާރާ އާއި ޖިންސީ ގޯނާ އާއި ރޭޕަށް ކަންކަން ދިޔުމަކީ ނުވެ ނުދާނެ ކަމެކެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. އަދި، ދީނީ ނަޒަރަކުންވެސް އެފަދަ ފިލްމުތައް ބެލުމަކީ ޙަރާމް ކަމެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނު ބުނަނީ، އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި ބެލުންވެސް މަނާ ކަމެއްގެ ގޮތުގައެވެ. އަދި ޤާނޫނުގައި ތަފާތު އަދަބުތައް އެކަންކަމަށް ކަނޑައެޅިފައިވެއެވެ.
ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ، ރާއްޖޭގައި ޕޯން އަށް ވަދެވޭ ގޮތަށް އޮންނަ އޮތުމެވެ. ޤާނޫނީ ގޮތުން މަނާ ކަމަކަށް ވާނަމަ، ޕޯނަށް ހުޅުވާލެވިފައިވާ ދޮރުވެސް ބަންދު ކުރެވެން ޖެހޭނެއެވެ. އެއީ ދީނީ އަދި ޤާނޫނީ ވާޖިބަކަށް ނޫނީ ނުވާނެއެވެ. އަދި އެކަމާ ބެހޭ އިދާރާތަކުގައި ތިއްބެވި ބޭފުޅުން މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭނެ ފަދަ ބޮޑު ކަމެކެވެ.
ކަމާ ބެހޭ ފަރާތްތަކަށް އެބޭފުޅުންގެ ޒިންމާ އާއި ވާޖިބު އަދާ ކުރެއްވުމަށް ނަޞޭޙަތްތެރިވަމެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ