އއ. ބޮޑުފޮޅުދޫ ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ރަސްދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި، ރަށުގައި ހިނގާ ކުށްތައް ހުއްޓުވުމަށާއި އެފަދަ ކަންކަން ކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުކޮށް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ބުނެދީ ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވާފައިވެއެވެ.
މީގެ އިތުރުން ފިހާރަތަކަށް ޒިޔާރަތްކޮށް ސެކިއުރިޓީ ކަންކަން ބަލައި، ސެކިއުރިޓީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާ މަޝްވަރާ ކޮށްފައިވެއެވެ.
ބޮޑުފޮޅުދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ ހުރިހާ ގޭބިސީތަކަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް އެކި އުމުރުފުރައިގެ ރައްޔިތުންނާ ބައްދަލުކޮށް މަޢުލޫމާތުދީ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވެއެވެ.
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ޤާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.