މަރާލި ޓެކްސީ ޑްރައިވަރުގެ އާއިލާގެ ކިބައިން އަދުހަމް މާފަށް އެދިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 9ސ
މަރާލި ޓެކްސީ ޑްރައިވަރުގެ އާއިލާގެ ކިބައިން އަދުހަމް މާފަށް އެދިއްޖެ!

މަރަލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ އާއިލާގެ ކިބައިން އޭނާގެ ގާތިލު އަދުހަމް މުޙައްމަދު މާފަށް އެދިއްޖެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވާއިރު، މިފަދަ މައްސަލަތަކުގައި މަރަށް މަރު ހިފަން ވާރިސުން ބޭނުންވާ ނަމަ އޭނާގެ މައްޗަށް އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް ވާރިސުން އެކަން ބޭނުން ނުވާނަމަ، އަންނާނީ އުމުރަށް ޖަލަށްލުމުގެ ހުކުމެކެވެ.

ނަމަވެސް އަދުހަމް އާއެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމުގައިވާ ގޮތުން ވާރިސުން މަރަށް މަރު ހިފަން ބޭނުންނުވާ ހާލަތެއްގައި އަދުހަމަށް ދިނުމަށް ހުށަހަޅާފައިވަނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އަދުހަމްގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވުމުން އަދުހަމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށެވެ. އަދި އެ ކުށަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށްވެސް އަދުހަމް ބުނެފައިވެއެވެ.

"އަޅުގަނޑު މިއަދު މާފަށް އެދެން. އާއިލާއިން އަޅުގަނޑަށް މާފުކޮށްދިނުމަށް އެދެން" އަދުމަހް ބުންޏެވެ.

އަދުހަމް ބުނީ އޭނާއަށް އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ނަމަވެސް ފަހުން ކުރެވުނު ކަމާ ދެރަވެ، ތައުބާވެ ނަމާދު ވެސް ކުރި ކަމަށް އަދުހަމް ބުންޏެވެ.

 

 

މިއަދު އޮންލައިން