މިއީ ވެސް އޭސީސީއިން ވިސްނައިލުން ހަމަ ވަރަށް މުހިންމު ކަމެކެވެ! މިހާރުވެސް އެމްއޭސީއެލް އިން ގެންދަނީ އަހަރަކު 1.5 މިލިއަނަށްވުރެ ފަތުރުވެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ޚިދުމަތްދެމުންނެވެ. އެއީ ދަތުރުކުރާ ދިވެހިން ނުލައެވެ. ދިވެހިންގެ އަދަދުލުމުން 2 މިލިއަނާއި ގާތްކުރާ ބައަކަށް އެމްއޭސީއެލް އިން ދަނީ ޚިދުމަތް ދެމުންނެވެ. އެތެރޭގެ އުދުހުންތައް ލައިފިނަމަ އެމްއޭސީއެލް އިން ޚިދުމަތްދޭ ދަތުރުވެރިންގެ އަދަދު 2 މިލިއަނަށްވުރެ ވެސް ގިނަވާނެއެވެ!
އެހެންކަމަށްވާއިރު އެމްއޭސީއެލްގެ ކިބައިގައި 5 ލައްކައެއްހައި ފަތުރުވެރިންނަށް ޑޮމެސްޓިކް ޚިދުމަތް ނުދެވޭނެ ކަމަށާއި އެކަމަށް ދަތިތަކެއް އެބަހުރިކަމަށް ބުނާނަމަ އެވާހަކަ ޤަބޫލުކުރުމަކީ ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.
ސީޕްލޭން ޓަރމިނަލް ހިންގުމުގެ ތަޖުރިބާ ހުރި ދިވެހިން ބައިވަރެވެ! ޤާބިލު މީހުން ބައިވަރެވެ! ކުންފުނިތައްވެސް ބައިވަރެވެ! ބީލަން އުޞޫލުން ކުއްޔަށް ދީ ދައުލަތަށް ހޯދެން އޮތް އެންމެ ބޮޑު އާމްދަނީ ހޯދަން އެމްއޭސީއެލް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސަރުކާރު ފަސްޖެހިގެން މިއުޅެނީ ކީއްވެގެންބާވައެވެ!
އެމްއޭސީއެލް އަށް ދަނީ ފަތުރުވެރިން ހެންޑްލްކުރުމުގައި ބައިނަލް އަޤްވާމީ އެވޯޑްތައް ލިބެމުންނެވެ. އެހެންކަމަށްވާއިރު މިއީ އަގުދީފައި ގަންނަ އެއްޗެއްކަމާއިމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ.
އެމްއޭސީއެލްގެ ކުރީގެ ބޯޑުން ވަނީ މިކަމުގެ ތަޖުރިބާހުރި، އެކަން ކުރެވޭނެ ބައެއް ފަރާތްތަކާއި މަޝްވަރާވެސް ކޮށްފައެވެ. އެ މަޝްވަރާތަކުގައި އެމްއޭސީއެލްއަށް ޓަރމިނަލް ހިންގޭނެ ކަމުގެ ޔަޤީންކަންވެސް ވަނީ ދީފައެވެ. އަދި އެކަމުގައި އެހީތެރިކަމެއް ބޭނުންވާނަމަ ފޮރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.
އެހެންކަމުން ދައުލަތަށް ހޯދެން އޮތް ބޮޑު މަންފާއެއް ޤުރްބާންކޮށްފައި ޓީއެމްއޭއަށް ބޮޑު ފައިދާއެއް ހޯދައިދޭން މިކުރެވޭ ސައްލާތަކުގެ ޙަޤީޤަތް މިދަނީ އެނގެމުންނެވެ! ޓަރމިނަލް އެކުގައި އެމްއޭސީއެލް އިން ހިންގައިފިނަމަ އިންވެސްޓްމަންޓް ކަވަރުކޮށް ބޮޑު ފައިދާ އިސާހިތަކު ލިބެންފަށާނެއެވެ!