ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯ މަޢުރަޒެއް ބެންކޮކްގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯ މަޢުރަޒެއް ބެންކޮކްގައި ހުޅުވައިފި

މޯލްޑިވްސް – ސަނީ ސައިޑް އޮފް ލައިފް، މި ނަމުގައި ތައިލެންޑްގެ މަޝްހޫރު ފޮޓޯގްރާފަރެއް ކަމުގައިވާ ޑޭވިޑް ލައު ގެ ފޮޓޯ މަޢުރަޒެއް ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އިއްޔެ ހުޅުވައިފިއެވެ. މި ފޮޓޯ މަޢުރަޒު ހުޅުވައިދެއްވީ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރާއި، ކެންޔާ، ނޭޕާލް، ސައުތު އެފްރިކާ އަދި ސްޕެއިން ސަފީރުންނެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި، ތައިލެންޑްގެ ސަރުކާރާއި، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި، ޓޫރިޒަމް ވިޔަފާރީގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި، ތައިލެންޑްގެ ބޮޑެތި މީޑިއާތައް ވަނީ ބައިވެރިވެފައެވެ.

ދިވެހިރާއްޖޭގެ ރީތިކަން ދައްކުވައިދޭ ގިނަ ފޮޓޯތަކަކާއެކު ހުޅުވުނު މި މައުރަޒުގައި ޑޭވިޑް ލައުގެ އިތުރުން، ދިވެހި އަންޑަވޯޓަރ ފޮޓޯގްރާފަރެއް ކަމުގައި ޝަފްރާޒް ނަޢީމްގެ ބައެއް ފޮޓޯ ވެސް ވަނީ ހިމަނާފައެވެ. ޑޭވިޑް ލައުގެ ފޮޓޯތަކަކީ މި ދިޔަ އަހަރުގެ ސެޕްޓެންބަރު 25 އިން 30 އަށް އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުގައި، ކުރަމަތި އައިލެންޑް ރިސޯޓާއި، ޖުމައިރާ ވިޓަވެލި ރިސޯޓާއި، ސީޒަން ޕެރެޑައިޒް ތުލުސްދޫގައި ހުންނަވައިގެން ނަންގަވާފައިވާ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ފޮޓޯތަކެކެވެ. ޝަފްރާޒް ނަޢީމްގެ ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ފަރުތަކާއި މުރަކައިގެ ބަގީޗާތަކާއި މަސްމަހާމެހީގެ ރީތިކަމެވެ.

ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ އެހީތެރިކަމާއެކު އިންތިޒާމްކުރެވިފައިވާ މި މަޢުރަޒު އާންމުންނަށް ހުޅުވިފައި ހުންނާނީ، މި މަހުގެ 17 އިން 19 އަށް، ބެންކޮކްގެ ސިއާމް ޕެރެގަން ޝޮޕިންގ މޯލްގެ ލައިފް ސްޓައިލް ހޯލްގައެވެ.

މިއަދު އޮންލައިން