ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފި!

ކިޔުމަށް ހޭދަވާނީ 1މ 13ސ
ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފި!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހައުންސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ޑރ. މުއިއްޒު ނިސްބަތްވާ ޕީޕީއެމް އިން މިކަން ހާމަކުރަމުން ބުނީ އެމަނިކުފާނު ފުލުހަށް ހަޒިރުވާން އަންގާފައިވަނީ މިރޭ 20:00 އަށް ކަމަށެވެ.

ނަމަވެސް ޑރ. މުއިއްޒު ފުލުސް އޮފީހަށް ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ޕީޕީއެމް އިން ހާމަކޮށްފައެއް ނުވެއެވެ.

ޑރ. މުއިއްޒު މިރޭ ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ނޫމަޑި މައްސަލައިގައި މީގެ ކުރިން ޑރ. މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރު ކޮށްފައެވެ. އަދި އެކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވިކަމަށް ބުނެ އެމައްސަލަވެސް ފުލުސް އޮފީހަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވެއެވެ.

މާލިއްޔަތު ކޮމިޓީއަށް ޑރ.މުއިއްޒު ހާޒިރުކުރީ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މައްސަލާގައި ނޫމަޑިއާ އެއްކޮޅަށް އާބިޓްރޭޝަންގައި ބަޔާން ދިން ކަމަށް ބުނެއެވެ.

ނަމަވެސް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުއިއްޒު ވަނީ އޭނާ އެއްވެސް ބަޔަކާ އެއްކޮޅަށްވެސް އަދި ދެކޮޅަށްވެސް ބަޔާން ދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން