ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިފުޅު ފައިސަލް އިބްރާހީމް އާއި އޭނާގެ އަނބިކަނބަލުންނަށް އައިނު ހެއްދީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ ބަޖެޓުންކަން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް އާންމުކުރައްވާފައިވާ 2018 ވަނަ އަހަރުގެ މާލީ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ 2018 ވަނަ އަހަރު މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ-ކައުންސަލަރ އާއި އޭނާގެ އަނބިކަނބަލުންނަށް "ޕްރާޑާ" ބްރޭންޑުގެ އައިނު ހެއްދުމަށް ޖުމުލަ 72،438 ރުފިޔާ އެމްބަސީގެ ބަޖެޓުން ހަރަދުކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އަދި މީގެ އިތުރުން އެމްބަސީއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ފަހުމީ ހަސަންގެ އަނބިކަނބަލުންގެ މެޑިކަލް ޗެކަޕް ހެއްދެވުމަށް އެމްބަސީގެ ބަޖެޓުން 26،360 ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓު އޮފީހުން ބުނީ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށް ދޭ އެލަވަންސްތަކާއި އިނާޔަތްތައް ދެމުންގެންދާ އުސޫލަށް ބަލާއިރު، މި ހަރަދުތަކަކީ މިގޮތަށް ކުރެވިދާނެ ހަރަދުތަކެއް ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ. އަދި މިއީ އާންމު އުސޫލާ ހިލާފަށް ކޮށްފައިވާ ހަރަދެއް ކަމަށް ވެސް ބުނެފައިވެއެވެ.