އަންހެނެއްގެ ކޯތާފަތްމަތީގަ ޖެހުމުން، އަގެއްގެ ގޮތުގަ ދުއިސައްތަ ރުފިޔާ ދައްކަން ޖެހިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 10ސ
އަންހެނެއްގެ ކޯތާފަތްމަތީގަ ޖެހުމުން، އަގެއްގެ ގޮތުގަ ދުއިސައްތަ ރުފިޔާ ދައްކަން ޖެހިއްޖެ!

މީގެ އަށް އަހަރު ކުރިން އަންހެނެއްގެ ކޯތާފަތްމަތީގައި ޖެހި މައްސަލައަކާއި ގުޅިގެން، އޭނާ ގައިގާ ޖެހި ފިރިހެން މީހާ 200 ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މާރާމާރީއެއްގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އިއްޔެ ޖޫރުމަނާ ކޮށްފައިވަނީ ލ. މާމެންދޫ/ހުދުފަސް އަޙުމަދު އިނާޒް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލަ އެކޯޓަށް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަވަނަ ދުވަހުގައެވެ.

އިނާޒް އާއި ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ 15 ނޮވެމްބަރ 2011 ވަނަ ދުވަހުގެ ރޭ މާމެންދޫ ބޯޅަދަނޑުގައި އަންހެނަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި، އޭނާ އެއަންހެން މީހާގެ ކޯތާފަތްމަތީގަ އެއް ފަހަރު ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެދައުވާއާއި ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމާއި ޝަރީއަތުގެ މަޖިލިހުގައި ވެސް އިނާޒް ވަނީ އޭނާގެ ކުށައް އިއުތިރާފްވެފައެވެ. އެހެންކަމުން މިމައްސަލާގައި އޭނާގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ހުކުމް ކޮށްފައިވަނީ އިނާޒްގެ އިއުތުރާފްގެ މައްޗަށް ބިނާކޮށެވެ.

ކުށުގެ އުގޫބާތެއްގެ ގޮތުން އިނާޒް 200 ރުފިޔާއިން ޖޫރިމަނާކޮށް، ތިން ދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ހަލާސްކުރަން، މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމްގައިވެ އެވެ.

މިއަދު އޮންލައިން