އޭޖީގެ ބަޔާނުގައިވަނީ ދޮގު، އެބުނާ ތާރީޚުގަ އަޅުގަނޑުވެސް އާއިލާ ބޭފުޅަކުވެސް އެތަނުގަ ނޫޅޭނެ: ޖިހާދު

ކިޔުމަށް ހޭދަވާނީ 1މ 34ސ
އޭޖީގެ ބަޔާނުގައިވަނީ ދޮގު، އެބުނާ ތާރީޚުގަ އަޅުގަނޑުވެސް އާއިލާ ބޭފުޅަކުވެސް އެތަނުގަ ނޫޅޭނެ: ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދައުލަތުން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބުނެ މިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން ބަދަލު ހޯދުމަށް ހުށައެޅި މައްސަލަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

އޭޖީ އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ގާނޫނުގެ ދަށުން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ދައުލަތުން ރެހެންދި 3 ގެ ދެ ފްލެޓެއް އެމަނިކުފާނަށް ހަމަޖައްސައިދިން ކަމަށެވެ. ރައީސް ޔާމީންގެ ރިޔާސީ ދައުރު ހަމަވުމުން އެތަން ހުސްކުރަން ދައުލަތުން ޖިހާދަށް އެންގުމުން ވެސް އެތަން ހުސް ނުކޮށް، ގާނޫނީ ހައިސިއްޔަތެއް ނެތި އެއް އަހަރާއި ތިން މަސް ވަންދެން ޖިހާދު އެތަން ބޭނުން ކުރެއްވި ކަމަށް ވެސް އޭޖީ އޮފީހުން ތުހުމަތު ކުރައްވާފައިވެއެވެ.

ނަމަވެސް އޭޖީ އޮފީހުގެ މިބަޔާން ދޮގު ކުރައްވާ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ޖިހާދު "މިއަދުނޫހަށް" ޖިހާދު ވިދާޅުވީ އޭޖީގެ ބަޔާނުގައި ބުނާ ތާރީހުގައި އެތަނުގައި އެމަނިކުފާނުވެސް އަދި އެމަނިކުފާނުގެ އާއިލާ ބަޔަކުވެސް ނޫޅޭ ކަމަށާއި އެފަދަ ދޮގު ވާހަކަތަކެއް ބަޔާންކޮށް ބަޔާނެއް ނެރުނީ އަބުރު ކަތިލުމުގެ ގޮތުން ކަމަށް ސިފަ ކުރެެއްވިއެވެ.

މީގެއިތުރުން ޖިހާދު ވިދާޅުވީ ދައުވާ ކުރަންޖެހޭ މައްސަލައެއް ނޯންނާނެ ކަމަށާއި އެހެންނަމަވެސް އެދައުވާއަށް ކުރިމަތިލައްވާނެ ކަމަށެވެ.

އޭޖީ އޮފީހުން މިއަދު ވަނީ، ގާނޫނީ ހައިސިއްޔަތެއް ނެތި ޖިހާދު ދައުލަތުގެ މުދަލެއް ބޭނުން ކުރެއްވި މުއްދަތަށް ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދީ އަދި ޖިހާދު ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށްބުނެ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 ދައުލަތަށް އެކީ އެއްފަހަރާ ހޯދަން ސިވިލް ކޯޓަށް މިއަދު މައްސަލަ ވައްދާފައެވެ.

މިއަދު އޮންލައިން