ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ރާއްޖެ އައުން ހުއްޓުވުމަށް އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ކުރޫޒުލައިނާތައް ރާއްޖެ އައުން ވަގުތީގޮތުން މަނާކޮށް އީރާނާއި ކޮރެއާގެ ދެ ސަރަހައްދަކުން މީހުން އައުން ވެސް ވަގުތީ ގޮތުން މަނާކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަމާބެހޭގޮތުން މައުޅޫމާތުދިނުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ހުއްދަ ދެން ދޭނީ ކޮރޯނާވައިރަސްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި އީރާން އާއި ސައުތު ކޮރެއާގެ ޑޭހޫ އަދި ޖެއުން އިން ރާއްޖެއަށް މީހުން އައުން ވެސް މެދުކަނޑާލާފައިވާކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ކޭސެއް އަދި މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށާއި އެފަދަ ކޭސްއެއް ރާއްޖެ އައުމުގެ ފުރުސަތު ނުދިނުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
ކޮރޯނާވައިރަސް ފެތުރެމުންދާ ނިސްބަތާއި، ފެތުރެމުންދާ ގޮތާއި، ދުނިޔޭގެ ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންދޭ އިރުޝާދުތަކާއި އެއްގޮތައް ރާއްޖެއިން ދަނީ އަމަލު ކުރަމުން ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޗައިނާ އިންވެސް ރާއްޖެ އަށް މީހުން އައުން ވެސް ވަނީ މަނާކޮށްފަ އެވެ.