ކައުންސިލަރުން އެންމެ ބޮޑަށް ބޭނުންވާނީ ﷲ ގެ ޤާނޫނުތަކަށް ޢަމަލުކުރުމުގެ ތަމްރީން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކައުންސިލަރުން އެންމެ ބޮޑަށް ބޭނުންވާނީ ﷲ ގެ ޤާނޫނުތަކަށް ޢަމަލުކުރުމުގެ ތަމްރީން!

ރާއްޖޭގައި އެންމެ އެންމެ ނުރައްކައުތެރި ހާލަތެއްގައި ތިބި އެއްބައަކީ ކައުންސިލަރުންނެވެ. އެމީހުންނަށް ވާނުވާއެއް އަންގައިލުމަކާއި ނުލައި އެމީހުން މެދުވެރިކުރުވައިގެން އެގެންދަނީ އެމީހުންގެ ބެލުމުގެ ދަށުގައި ތިބި ރައްޔިތުންގެ ހިތްތައް ބަދަލުކުރުވަމުންނެވެ. އިސްލާމް ދީނާއިމެދު  ދޮގުމައުލޫމާތުތައް ފަތުރުވައިގެންނެވެ.  

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙްތަކަށް ކައުންސިލަރުން ތަމްރީނުކުރުމަށްވުރެ މުހިންމުކަން ބޮޑީ ﷲ ބާވައިލައްވަވާފައިވާ އިލާހީ ޤާނޫނުގައި ހިފަހައްޓައި ސާބިތުވާން ތަމްރީނުކުރުވުމެވެ. މަޖިލީހުގެ ރައީސް ވިދާޅުވެގެން ނަމަވެސް ދާއިރާގެ މެންބަރު ބުނެގެން ނަމަވެސް އިސްލާމް ދީނާއިމެދު މައުލޫމާތު ދިނުމުގެ ރަސްމީ ހުއްދަ ނެތް މީހުން ލައްވައި މަކަރުވެރި ގޮތުގައި ކުރަން ފެށި މަސައްކަތަށް ރައްޔިތުން ހޭލުންތެރިކުރުވަން ޖެހެއެވެ. ކައުންސިލަރުންގެ ހޭލުންތެރިކަން އިތުރުކުރުވަން ޖެހެއެވެ. 

ހަރުކަށި ފިކުރާއި ދެކޮޅު ހެދުމުގެ ނަމުގައި މަޑުކަށިފިކުރުން އިލާހީ ޤާނޫނުތައް ފަނޑުކުރުވަން ކުރަން ފެށި މަސައްކަތަށް ހުރިހާ އެންމެން އެކުގައި ނޫނެކެވެ ބުނަން ޖެހެއެވެ. ރަށުގައި އިސްލާމް ދީނުގެ ވާހަކަ ދެއްކޭނީ އެކަމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ މީހުންނަށް ކަމުގައި ކައުންސިލަރުންނަށް ބުނެވެން އެބަޖެހެއެވެ.  

ކުއްލިއަކަށް އައްޑޫސިޓީގައައި ހަނިމާދޫގައި ދިން ހަމަލާތައް ދެވުނީ އެފަދަ ކަމެއް މީގެ ކުރިން އެހައި ފައުޅުކަން ބޮޑު ގޮތެއްގައި ކޮށްފައި ނެތުމުން ކައުންސިލަރުންގެ ހޭލުންތެރިކަން ކުޑަވުމުން ކަމުގައި ބެލެވެއެވެ. ވީމާ ކުރިއަށް އޮތްތަނަށް ހޭލުންތެރިވާށެވެ! ﷲ އަށް ބިރުވެތިވާށެވެ!  

ލޮބުވެތި ކައުންސިލަރުންނޭވެ! އިސްލާމް ދީން މަތިވެރި ކުރުމުގެ މަސައްތަށް އަތުކުރި އޮޅައިލައްވާށެވެ! އެންމެ މީހަކު ދީނާއި ގާތް ކުރެވުނު ނަމަވެސް އެކަމުގެ ފައިދާ ޤިޔާމަތް ދުވަހު ފެންނާނެއެވެ. ހަމަ އެފަދައިން ތިއަ ލޮބުވެތި ކައުންސިލަރުން މެދުވެރިކުރުވައިގެން ކުރެވޭ ކަމަކުން އެންމެ ރައްޔިތަކު އިސްލާމް ދީނާއި ދުރުވި ނަމަވެސް އެކަމުގެ ނަތީޖާ ޤިޔާމަތް ދުވަހު ވަރަށް ހިތިވާނެއެވެ.  

އެދުވަހު އެއްވެސް މީހެއްގެ ދިފާއުގައި މަޖިލީހުގެ ރައީސަށްވެސް ދާއިރާގެ މެންބަރުންނަށްވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ހުރިހާ ވަސްވާސްތަކެއް ދީ ނުބައި ކަންކަން ކުރުވާފައި ޝައިޠާނާ ރެކޭ އުޞޫލުން އެކަންކަން ތިއަބޭކަލުން ލައްވައި ކުރުވި އެންމެންވެސް ރެކޭނެއެވެ. އެމީހުންނަށްވެސް އެމީހުންގެ މަޅީގައި ޖެހެވުނު ބައަކަށްވެސް ނުރެކެވޭނީ ﷲ ގެ ޢަޛާބުންނެވެ.  

ކައުންސިލްތަކުގެ ޤާނޫނަށް ހޭލުންރިކުރުވައި ދާއިރާ ތަރައްޤީކުރަން ބާރުއަޅަންވެސް ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ އިސްލާމް ދީން މަތިވެރިކޮށް ރާއްޖޭގައި 900 އަހަރުވަންދެން ދެމިއޮތް އިސްލާމް ދީން އެގޮތުގައި ޙިމާޔަތްކުރުމުގެ ކަންކަމެވެ. އެކަމާއި ނުލައި ގެނެވޭ ކޮންމެ ތަރައްޤީއެއް ވެގެންދާނީ ބޮޑުތަނުން ލިބިގަންނަ ފޭލްވުމަކަށެވެ.

މިއަދު އޮންލައިން