މިދުވަސްވަރު ރޯގާއާއި ފާނަބަސައްނަދު ފެތުރެމުންދާތީ، ބަލިމީހުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހޮސްޕިޓަލުތަކަށް ޒިޔާރަތް ނުކުރުމަށް އިންދިރާ ގާސްދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިލްތިމާސް ކޮށްފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރުގެ މިހާލަތާއި ގުޅިގެން ބަލިމީހުންނާއި އަމިއްލަ މީހުންގެ ރައްކަލަށްޓަކައި ބަލި މީހުންނަށް ޒިޔާރަތް ކުރުމަކީ، ބަލި މީހުންނާއި ޒިޔާރަތްކުރާ މީހުންނަށް ވެސް ރައްކާތެރިކަމެއް ނޫން ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ މި ދުވަސްވަރު ފާނަބަސަންދު ޖެހިގެން އުޅޭ ގޭގެ މީހުންނާއި އަދި ފާނަބަސަންދު ވެކްސިން ޖަހާފައިނުވާ މީހުން ހިމެނޭ އިރު، އެ ބަލިތައް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މީގެއިތުރުން ދިފާއީ ގޮތުން ބަލި މީހުންނާއި ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި އަދި ރޯގާ ޖެހި ހުންއައިސް ކިނބިހި އަޅާ މީހުން ވެސް އެ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން ރޯގާ ޖެހިފައިވާ ނަމަ ކެއްސައި ކިނބިހި އަޅާ އިރު މާސްކު ބޭނުންކޮށް ސައިބޯނި ލައިގެން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.