ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފިލްމު ޕްރޮޑަކްޝަން ހައުސް ކަމުގައިވާ ޑާކްރެއިން އެންޓާޓެއިންމެންޓްގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ "ބަޅިނދު" ގައި ހަރަކާތްތެރިވާ ތަރިންގެ ޕޯސްޓަރުތައް މިއަދު ހާމަކޮށްފިއެވެ.
ބިރުވެރި ފިލްމެއް ކަމަށްވާ "ބަޅިނދު" ގެ މުހިންމު ރޯލުތަކުން ފެންނަނީ އައިމިނަތު ރަޝްފާ (އާޝާ) ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، ފާތިމަތު ޝަރާ އާދަމް ގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރެވެ.
"ބަޅިނދު" ގެ ކާސްޓުންގެ ޕޯސްޓަރުތައް މިއަދު ދައްކާލާފައިވާއިރު، ތަރިންގެ ފަހަތުން ސިހުރު ފަންޑިތަފަދަ ތަކެތި ހެދުމަށް ބޭނުންކުރާފާޑުގެ ބޯޑެެއްވެސް ފަހަތުން ފެނެއެވެ. އެހެންކަމުން މިއީ ސިހުރުހެދުމާއި ގުޅޭ ނުވަތަ ތަށި އެނބުރުމުގެ ސަބަބުން ދިމާވެދާނެ ކަމެއް ދައްކުވައިދޭ ފިލްމެއް ކަމަށް ލަފާ ކުރެވެއެވެ.
މިފިލްމުގެ ތަރިންގެ ޕޯސްޓަރުތައް މިއަދު އާއްމުކޮށްފައިވާއިރު މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމަށް ކޮންމެ ޕޯސްޓަރެއްގައިވެސް ލިޔެފައިވެއެވެ.
ޑާކްރެއިންގެ "ބަޅިނދު" ގެ ޕޯސްަތަރުތައް މިހާރު މުޅި ސޯޝަލް މީޑިއާގައި ގުގުމާލާފައިވާއިރު، އެފިލްމުގެ ޓީޒަރ ވެސް އިއްޔެ ވަނީ ރިލީޒްކޮށްފައެވެ.
މިއީ ޑާކްރެއިނުން އުފެއްދި ދެވަނަ ފީޗާރޑް ބިރުވެރި ފިލްމެވެ.