ރައްކައުތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެކަށީގެންވާ ވަރަށް ނާޅައި ކުޑަޕިކަޕެއްގައި އުފުލި ބިއްލޫރި ޝީޓްތަކެއް ޕިކަޕުން ވެއްޓުމުން މަގު ބަންދުވެއްޖެއެވެ.
މިއަދުގެ ޢަޞްރު ނަމާދު ވަގުތު މ. ބޮޑުގޭ ވަގުތީ މިސްކިތު ކަންމަތީގައި ހިނގި މިހާދިސާއާއި ގުޅިގެން މަގު ކުނިކަހާ ނިންމަންދެން ޕިކަޕް މަގު މެދުގައި ބޭއްވުމުން އެތައް އިރެއްވަންދެން ވަނީ މަގު ބަންދުވެ ދުއްވާ އެއްޗެއްސަށް ދަތުރު ނުކުރެވިފައެވެ.
ގިނަ ބައަކު ސްކޫލްތަކަށާއި އައިޖީއެމްއެޗަށް ދިއުމަށް ބޭނުންކުރާ މި މަގުގައި މިއަދު ކުރިމަތިވި ހާދިސާއަކީ ނުރައްކާތެރި ހާދިސާއެއް ނަމަވެސް އެއްވެސް މީހަކަށް ގެއްލުންވެ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ކުދި ޕިކަޕް ފަދަ ތަކެތީގައި ބޮޑެތި ބިއްލޫރި ޝީޓް ފަދަ ތަކެތި އުފުލަން ޤަވާއިދުގައި އޮންނަނީ ކައްސައިލި ނަމަވެސް ބިންމައްޗަށް ނުވޭނެ ފަދައިން ހައްޔަރުކޮށްގެންނެވެ.